ލަންކާގެ ބީޗް ސަރަހައްދެއް ކަމަށް ވާ ކޮލޮންނާގައި ހުރި ލަގްޒަރީ ހޮޓަލެއްގައި އަލިފާން ޖެހި ހާދިސާގައި މިހާތަނަށް ބެލި ބެލުމުން އެއީ ރާޖަޕަކްސަގެ ހަގު ދަރިފުޅު ރޯހިތާ ރާޖަޕަކްސަގެ ތަނެއްކަން ފަޅާ އަރައިފިއެވެ.

އެ ހޮޓަލުގައި އަލިފާން ޖެހުމުގެ ތުހުމަތުގައި ކޮލޮންނާއަށް ނިސްބަތްވާ އުމުރުން 25 އަހަރާއި 50 އަހަރުގެ ދެމީހަކު ހައްޔަރު ކޮށްފައި ވާއިރު، އެ ހޮޓަލަކީ، ރޯހިތާގެ ދޮށްޓަށް ހުންނަ ރާޖަޕަކްސަގެ އަނެއް ދަރިފުޅު ޔޯޝިތާ ރާޖަޕަކްސަގެ ތަނެއް ކަމަށް ރިޕޯޓު ކުރަމުން ދިޔަ ނަމަވެސް، އެ ތަނުގެ ވެރިއަކީ އޭނާ ނޫން ކަމަށާއި ހަގު ދަރިފުޅު ރޯހިތާގެ ތަނެއްކަން ވަނީ އެނގިފައެވެ.

ފުލުހުން ބުނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުން ދިޔަ އިރު މިހާތަނަށް ފާހަގަ ވި އަނެއް ކަމަކީ ރޯހިތާއަކީ އެއްވެސް ވަޒީފާއެއް އަދާ ކުރާ މީހެއް ނޫން ކަމާއި އޭނާއަށް އެ ވަރުގެ މުއްސަނދިކަމެއް ލިބޭނެ ގޮތެއް ނެތް ކަމެވެ.

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގައި އެގައުމުގެ މާލިއްޔާއިން ބޭކާރު ހަރަދުތައް ކުރުމާއި ކޮޕަރްޕްޝަނާއި ފަސާދަ ހިންގާފައި ވާކަމަށް ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އާއިލާއަށް އެގައުމުގެ ރައްޔިތުން ތުހުމަތު ކުރާ އިރު، ރާޖަޕަކްސަގެ ވެރިކަމުގައި ބާރުގަދަ އެތައް މަގާމެއް ފުރަމުން ދިޔައީ މުޅިންވެސް އޭނާގެ އާއިލާގެ މެންބަރުންނެވެ. އެ ގޮތުން ރާޖަޕަކްސަގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ހުރި އޭނާގެ ކޮއްކޮ ބާސިލް ރާޖަޕަކްސަ އަށް ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކޮށްފައެވެ. އޭނާ މަޝްހޫރުވެފައި އޮންނަނީވެސް "މިސްޓާ 10 ޕަސެންޓް" ގެ ގޮތުގައެވެ. އެއީ އެކިއެކި ޕްރޮޖެކްޓްތަކުން ބައި އަޅާތީ ހަރުކޮށްފައި އޮންނަ ލަގަބަކެވެ.

އެ ހޮޓަލުގައި ހުޅުޖެހި މައްސަލަ ތަހުގީގު ކުރަމުން ދާއިރު، މުޅި މައްސަލައާ ގުޅިފައި ހުރި ކަންކަން ބަލާ ހޯދާނެ ކަމަށް ފުލުން ވަނީ ބުނެފައެވެ.