ބޭންކްރަޕްޓެ ވެފައިވާ ލަންކާގެ އިގްތިސޯދީ ހާލަތު ހަމައަކަށް އެޅުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 300 ބާވަތެއް އެތެރެ ކުރުން އެ ގައުމުން މަނާކޮށްފިއެވެ.
ބޭނުން ކުރެވޭ ގޮތަށް ހުރި ބޭރު ފައިސާ 300 މިލިއަން ޑޮލަރަށް ދަށްވެފައި ވާ ލަންކާގައި މި އެޅި ފިޔަވަޅާއެކު، ޗޮކްލެޓް، ޝޭމްޕޫ، މޭކަޕް ސާމާނު އަދި ސެންޓް ފަދަ ތަކެތިން ފެށިގެން ބައެއް ބާވަތްތަކުގެ މެޝިނަރީޒް އާއި ބައެއް ބާވަތްތަކުގެ ކާބޯތަކެތިވެސް ވަނީ އެތެރެ ކުރުން މަނާ ކޮށްފައެވެ.
ލަންކާގެ މާލީ އިދާރާއިން ބުނާ ގޮތުގައި، މި ފިޔަވަޅު އެޅި ނަމަވެސް މި ހިނގާ އޮގަސްޓް 23 ގެ ކުރިން އޯޑަރު ޖަހާ، ބޯޓަށް ބަރުކޮށްފައި ހުރި އެބާވަތުގެ މުދާ އަންނަ ސެޕްޓެމްބަރު 24 ގެ ކުރިން ލަންކާއަށް އެތެރެ ވާނަމަ އެ ތަކެއްޗަށް ހުއްދަ ދޭނެއެވެ.
ލަންކާއިން އިގްތިސޯދީ ފިޔަވަޅުތައް އަޅަމުން ދާ މިދަނޑިވަޅުގައި މާލީ އެހީ ހޯދުމުގެ މަޝްވަރާތައް އައިއެމްއެފް އާއެކު އިއްޔެ އެގައުމުން ވަނީ ފަށާފައެވެ.
1948 ގައި ލަންކާ މިނިވަންވި ފަހުން އިގްތިސޯދީ ގޮތުން އެ ގައުމު ދެކޭ އެންމެ ދަތި ދުވަސް ވަރު ލައިގެންފައި ވާއިރު، ލަންކާއިން އުންމީދު ކުރަނީ އެ ގައުމުގެ އިގުތިސޯދު ފުނފުނޑު ވިޔަ ނުދިނުމަށް އައިއެމްއެފް އިން އެކަށީގެންވާ މާލީ އެހީއެއް ލިބޭނެ ކަމަށެވެ.
ލަންކާގެ ބޭރުގެ ދަރަނި 51 ބިލިއަން ޑޮލަރަށް އަރާފައި ވާއިރު 14 ބިލިއަން ޑޮލަރު ހިއްސާ ކުރަނީ ޗައިނާއާއި ޖަޕާނާއި އިންޑިއާއެވެ. ދެން ހިމެނެނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ވާލްޑް ބޭންކެވެ. މީގެ ތެރެއިން 9.9 ބިލިއަން ޑޮލަރަކީ ޗައިނާގެ ދަރަންޏެވެ. ޗައިނާއިން ލަންކާއަށް ދަރަންޏަށް ފައިސާ ދޭތާ 10 އަހަރުވެފައި ވާއިރު، ދަރަނި އަނބުރާ ދައްކަން ޖެހޭ މުއްދަތު މިހާރު ދަނީ ހިނގަމުންނެވެ.
އަދި މިވަގުތު އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ ވެސް ޗައިނާއަށެވެ. ރިޕޯޓުތައް ބުނާގޮތުން މިއަހަރު ދައްކަން ޖެހި މިހާރުވެސް ޑިފޯލްޓް ވެފައިވާ 6.9 ބިލިއަން ޑޮލަރުގެ ދަރަނި އެބައޮތެވެ. ނަމަވެސް ދެއްކޭނެ ގޮތް ނުވެ ލަންކާ ވަނީ ޗައިނާގެ ދަރަނި ރީސްޓްރަކްޗާ ކޮށްދޭން އެގައުމުގައި އެދިފައެވެ.