ނަމާދު ކުރާ އަޑު މިސްކިތުން ބޭރަށް ނީވޭ ގޮތަށް ހަދަން ބައެއް މިސްކިތްތަކުގެ އިމާމުންނަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އެގޮތަށް އަންގައިފާ ވަނީ އެ މިސްކިތްތައް ހުންނަ ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ޝަކުވާ ލިބެމުން ދާތީ ކަމަށް ބުނެއެވެ.

އިސްލާމިކް މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް އަފްރާހު ބައެއް މީޑީއާތަކަށް ވިދާޅުވީ ބައެއް މިސްކިތްތަކުގައި ބަންގި ގޮވާ އިރު ޖައްސާފައި ހުންނަ ލައުޑް ސްޕީކަރު ކަނޑާނުލައި ނަމާދު ކުރާތީ މިސްކިތް ހުންނަ ސަރަހައްދަށް ވަރަށް ބާރަށް އަޑު ހުންނަ ކަމަށެވެ. އަދި އުސް އިމާރާތްތައް ހުންނަ އިރު ލައުޑް ސްޕީކަރު ހުންނަނީ ސީދާ އިމާރާތްތަކާ ދިމާލަށް ކަމަށް ވާތީ ޝަކުވާ ލިބޭ ކަމަށެވެ.

އެ ޝަކުވާ ލިބޭ ސަރަހައްދުތަކުގައި ހުންނަ މިސްކިތްތަކުގެ އިމާމުންނަށް އަންގާފައި ވަނީ ނަމާދު ކުރާ ގަޑިތަކުގައި ލައުޑް ސްޕީކަރު ކަނޑާލުމަށެވެ. އެހެންނަމަވެސް އެގޮތަށް އެންގީ ކޮން މިސްކިތްތަކަކަށް ކަމެއް އަދި ކިތައް މިސްކިތަށް ކަމެއް ވެސް މިނިސްޓްރީއިން ހާމައެއް ނުކުރެއެވެ