ލަންކާއަށް ޗައިނާއިން ދީފައިވާ ދަރަނި މުރާޖައާ ކޮށް ރީސްޓްރަކްޗާ ކޮށްދިނުމަށް އެދިއްޖެއެވެ.
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގްހަ އެކަމަށް އެދިވަޑައިގަތީ ނިކޭ އޭޝިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ. އޭނަ ވިދާޅުވީމ ލަންކާއަށް މިޙާރު ދިމާވެފައި އޮތް މާލީ ބުރައިން އަރައިގަތުމަށް ޗައިނާގެ ދަރަނި ރީސްޓްރަކްޗާ ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަމަށް ޗައިނާގައި އެދިވަޑައިގެންފައި ޥާ ކަަމަށެވެ.
ލަންކާގެ ބޭރުގެ ދަރަނީގެ ތެރެއިން 14 ބިލިއަން ޑޮލަރު ހިއްސާ ކުރަނީ ޗައިނާއާއި ޖަޕާނާއި އިންޑިއާއެވެ. ދެން ހިމެނެނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ވާލްޑް ބޭންކެވެ. މީގެ ތެރެއިން 9.9 ބިލިއަން ޑޮލަރަކީ ޗައިނާގެ ދަރަންޏެވެ. ޗައިނާއިން ލަންކާއަށް ދަރަންޏަށް ފައިސާ ދޭތާ 10 އަހަރުވެފައި ވާއިރު، ދަރަނި އަނބުރާ ދައްކަން ޖެހޭ މުއްދަު މިހާރު ދަނީ ހިނގަމުންނެވެ.
ލަންކާގެ ބޭރުގެ ދަރަނި ޖުމްލަ 51 ބިލިއަން ޑޮލަރަށް އަރާފައި ވާ މި ދަނޑިވަޅުގައި އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ ޗައިނާއަށެވެ. ރިޕޯޓުތައް ބުނާގޮތުން މިއަހަރު ދައްކަން ޖެހި މިހާރުވެސް ޑިފޯލްޓް ވެފައިވާ 6.9 ބިލިއަން ޑޮލަރުގެ ދަރަނި އެބައޮތެވެ. ނަމަވެސް ދެއްކޭނެ ގޮތް ނުވެ ލަންކާ ވަނީ ބަނގުރޫޓުވެފައެވެ.
ލަންކާގައި މިވަގުތު ބޭނުން ކުރެޥޭ ގޮތަށް ހުރީ އެންމެ 300 މިލިއަން ޑޮލަރު ކަމަށާއި އެއީ 22 މިލިއަންގެ އާބާދީއަކަށް ބޭނުންވާ ކާއެތިކޮޅުވެސް ގަވައިދުން ލިބޭ ވަރަށް ވުރެ ކުޑަ އަދަދެއް ކަމަށް ހަބަރުތައް ބުނެއެވެ.
ވިކްރަމަސިންގްހަ ޗައިނާ ކިބައިން ދަރަނި ރީސްޓްރަކްޗާ ކުރަން އެދިވަޑައިގެންނެވި އިރު، މިއަދު އައިއެމްއެފްގެ ޓީމެއް ވަނީ ލަންކާއަށް ގޮސްފައެވެ. އެޓީމުން، މާލީ ގޮތުން ލަންކާެއަށް އެހީވެވޭނެ މިންވަރަކާއި ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.
ލަންކާ ސަރުކާރަކީ ޗައިނާއާވެސް ބީރައްޓެހި ސަރުކާރަކަށް ނުވާ އިރު ޗައިނާއިން ލަންކާއަށް ހުށަހަޅަނީ، ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ބަދަލުގައި ދަރަނި އަދާކުރަން ދަރަނި އިތުރަށް ދޭށެވެ. ކުރިން ލަންކާގެ ވެރިކަމުގައި ހުންނެވި ރާޖަޕަކްސާއާ ވެސް ގާތް ގުޅުމެއް އޮތް ޗައިނާގެ މި ހުށަހެޅުން ލަންކާއިން ބަލައިގެންފައެއް ނުވެއެވެ.
ލަންކާގައި ބޭހާއި، ކާޑާއި، ތެލަށް ޖެހި ގައުމު އިގްތިސޯދީ ގޮތުން އިނދަޖެހިގެން ދިޔުމާއެކު ރައްޔިތުން ނުކުމެ ކުރި ދިގު މުޒާހަރާތަކަށް ފަހު ރާޖަޕަކްސަ އާއި ގޮތަބަޔާގެ ވެރިކަން ވައްޓާލުމުން މިހާރު ވެރިކަމުގައި ހުންނެވި ރަނިލް ގެންދަވަނީ ލަންކާގެ އިގްތިސޯދު ކޮޅަށް ޖެއްސެވޭތޯ ގިނަ ފިޔަވަޅުތައް އަޅުއްވަމުންނެވެ. އެގޮތުން، ގައުމަށް ބޭނުންވާ ތެޔޮ މަދުމަދުން ނަމަވެސް ލިބޭނެ ގޮތް ހެއްދެވުމާއި، ކާބޯތަކެއްޗަށް ނުޖެހި މަދުން ނަމަވެސް ލިބޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސަވާފައެވެ.