މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް ހިންގާ ޝަރީއަތް ބަލާ ގާޒީންގެ ބެންޗުގައި ހުސްވެފައިވާ މަގާމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު ހަމަޖައްސަވައިފިއެވެ.

އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން އެކުލަވާލި ބެންޗުން ޖާގައެއް ހުސްވެފައިވަނީ އެ ބެންޗުގެ ރިޔާސަތު ކުރިން ބެލެހެއްޓެވި ގާޒީ ދީބަނާޒު ފަހުމީ މި މަހުގެ 9 ވަނަ ދުވަހު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި ގުޅިގެންނެވެ.

ކުރިން އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ ދީބަނާޒު ފަހުމީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެ ބެންޗަށް އެ ކޯޓުގެ ގާޒީ ފާއިޒު އައްޔަންކޮށްފައެވެ. އެހެންކަމުން ދެން އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާނީ ގާޒީ މިސްބާހު ކަމަށް ވަނީ ނިންމާފައެވެ.

މައްސަލަ ބަލަން ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އެކުލަވާލި ތިން ގާޒީންގެ ބެންޗުގެ ރިޔާސަތު އެންމެ ފުރަތަމަ ބެލެހެއްޓެވީ ގާޒީ އާދަމް މުހައްމަދެވެ. އެހެންނަމަވެސް މިދިޔަ ޖޫން 12 ވަނަ ދުވަހު އެ މައްސަލައިން އޭނާ ތަނާޒުލްވެވަޑައިގަނެފައިވަނީ އެ މައްސަލާފައި ދައުވާ އުފުލާފައިވާ މއ. ކުދެހިގެ، އިސްހާގުއާ އޭނާއާ މަސްލަހަތު ފުށޫ އަރާ ހާލަތެއް އޮތުމުންނެވެ. އެއަށްފަހު ދީބަނާޒު ވަނީ އެ ބެންޗަށް ހަމަޖައްސަވާފައެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފްވެފައެވެ. އަދި އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.