ކުޑަކުއްޖަކާ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް ހުޅުމާލެ ފޭސް 2ގައި ފިރިހެނަކު ހިފަހައްޓާ އެމީހާ އަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގައި ބަޔަކު މީހުން މީހަކަށް އަނިޔާ ކުރަމުންދާ ކަމުގެ މައުލުމާތު މިރޭ 10:00 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ. އަދި މި ހާދިސާގައި އަނިޔާ ލިބުނު މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
އެމީހާ އަށް ބަޔަކު މީހުން އަނިޔާ ކޮށް އެއްޗެހި ކިޔާ މަންޒަރު ފެންނަ ވިޑިއޯއެއް ވަނީ ސޯޝަލް މީޑިއާއަށް ލީކްވެސް ކޮށްލާފައެވެ. އެ ވީޑިއޯއިން އެމީހާ އާ ދިމާއަށް އަންހެނުންތަކަކާއި ފިރިހެނުންތަކެއް ހަޅޭއް ލަވަމުންދާ އަޑާއި މަންޒަރު ފެނެއެވެ. އެމީހުން ކިޔާ އެއްޗެހީގައި ގްރޭޑް 4 ގައި ކިޔަވަމުންދާ ފިރިހެން ކުއްޖަކަށް އެ ފިރިހެން މީހާ ޓިއުޝަން ދޭނެ ކަމަށް އަމިއްލަ އަށް ބުނެގެން ގެންގޮސް އެ ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައި ވާ ކަމަށް ބުނެ އެމީހާ އާ އެތައް ސުވާލެއް ކުރެއެވެ. އެ ގޮތުން އެ ކުއްޖާ އަށް ހެދި ގޮތް ކިޔައި ދިނުމަށް އަންހެނަކު ތަކުރާރުކޮށް އެދިފައި ވެއެވެ.
އެކި ފަހަރު މަތިން އެމީހާ ގައިގާ ތަޅާފައި ވާއިރު، އެމީހާ ލައިގެންހުރި ޓީޝާޓާއި ޖީންސް ވެސް ވަނީ ބާލުވާފައެވެ. އަދި އެމީހާ ހުސް ބޮކްސާގައި ހުރި އިރު، އަތުން ހިފަހައްޓަން ދީފައިވާ ކާޑު ބޯޑުގައި އެއް ޖިއްސުން ގުޅުން ހިންގާ މީހެއްކަން އަންގައިދޭ ފަދަ ލިޔުމެއް ލިޔެފައި އޮތެވެ.
ގިނަ ބަޔަކު ނިކުމެ މީހަކަށް އަނިޔާ ކޮށްފަިއވާ އިރު، އެމީހާގެ މައްޗަށް އެތަނުގައި ތިބި މީހުން ކުރި ތުހުމަތު ތަކަކީ ހަގީގަތެއް ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ. މި މައްސަލައިގައި އެމީޙާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ ކަންކަމާ ގުޅޭ ގޮތުން އަދި ފުލުހުން އިތުރު މައުލުމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައި ވަނީ، މި މައްސަލަ ދަނީ އިތުރަށް ބަލައި ތަހުގީގު ކުރަމުން ކަމަށެވެ.
ޢަނިޔާ އެއް ނުކުރެވޭނެ. ޙަމަ ހިތަށް އަރާގޮތަކަށް އަދުލު އިންސާފެއް ނުޙޯދޭނެ. މައްސަލައެއް އުޅެންޏާ ފުލުހަށް ރިޕޯޓު ކުރާނީ