އޯޓިޒަމް ހުންނަ ކުއްޖަކަށް ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގައި ބުލީ ކޮށް އަނިޔާކުރި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވާ ވީޑިއޯ ދައުުރު ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ، ކުޑަކުދިންގެ ޒާތީ މައުލޫމާތު ނުވަތަ ފޮޓޯ އާއި ވީޑިއޯ އެއްވެސް ފަރާތަކުން އާންމު ކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އެ ސްކޫލްގެ ކްލާސް ރޫމެއްގައި ދަރިވަރުންތަކެއް މާރާމާރީ ހިންގާ ވީޑިއޯއެއް ދައުރުކުރަމުން ދާތީ، މިއީ ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ ކަމައް ކަމަށާއި އެއްވެސް މީޑިއާ އަކުން ނުވަތަ އެއްވެސް މީހަކު އެއްވެސް ގޮތަކަށް އެ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ވީޑިއޯ އާންމު ވުމާ އެކު 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އެ މައްސލަަ ބަލަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ކްލާސްރޫމެއްގެ ތެރޭގައި ކުދި ބަޔަަކު ގޮނޑީގައި އިށިންދެގެން ތިއްބާ އެތަނަށް ފިރިހެން ކުއްޖަކު އައިސް ވާހަކަ ދައްކަން ހުރެފައި އެ ކުއްޖާގެ އަތުގައި އޮތް ފޮތުން އިށީނދެގެން އިން ކުއްޖާގެ ބޮލުގައި ޖަހާ މަންޒަރެވެ. ފޮތުންނާއި އަތުން އެ ކުއްޖާގެ ގައިގައި ޖަހާ އިރު އެ ކްލާސް ރޫމްގައި ތިބި ދެ ކުއްޖެއް އެ ދެ ކުދިން ދުރުކުރަން ގާތްވާ މަންޒަރުވެސް ފެނެއެވެ.

މީގެ ކުރިންވެސް ބުލީކޮށް އަނިޔާ ކުރާ މިފަދަ ވީޑީއޯތައް ވެސް ވަނީ ވައިރަލް ވެފައެވެ. އަދި މިފަދަ މައްސަލަތައް ފެންމަތިވުމުން އަބަދުވެސް ކުޑަުދިންގެ ކަރާމާތަށް ގެއްލުން ވެދާނެތީ ވީޑިއޯއާއި ފޮޓޯތައް އާންމު ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.

އެގޮތުން މިއަހަރު މެއި މަހުގެ ތެރޭގައި ށ. މިލަންދޫގައި 18 އަހަރު ނުވާ ފިރިހެން ކުއްޖަކު ވަލަށް ވައްދާ އެ ކުއްޖާއަށް އެ ރަށު އެހެން ކުދި ބަޔަކު ބުލީކޮށް އަނިޔާ ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެކުއްޖާއަށް ބުޅީ ކޮށް އަނިޔާ ކުރި މަންޒަރު ވިޑީއޯކޮށްފައިވާ އިރު އެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.