ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު ޖަހާފައިވާ ކަމަށެވެ.

ސޯސަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އަލީ ސޯލިހު ސައިކަލުގައި ދަނިކޮށް އޭނާގެ ކައިރިއަށް ޖެހި ކަރުގައި ކަޓަރު އަޅަން މީހަކު މަސައްކަތްކުރި ނަމަވެސް އެ މީހާ ކަޓަރު ނެގުމާއެކު އަލީ ސޯލިހު ސައިކަލް ދުއްވަން ހިފާލުމުން އޭނާގެ އަތުގައި ވަނީ ކަޓަރުއެޅިފައެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ މީގެ ކުރިން ސަލްމާން މިސްކިތުގެ މިންބަރަށް އަރާ އަޑު ގަދަކޮށް މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކުރި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިން އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ދޫކޮށްލާފައި ވަނީ އެ މީހާ އަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހެއް ކަމަށް ވާތީކަމަށް ބުނެއެވެ.

މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު ހުކުރު ވަގުތު އައިއެސްގެ ލޯގޯ ޖެހި ޖުއްބާ އެއް ލައިގެން ސަލްމާން މިސްކިތުގެ މިންބަރަށް އެ މީހާ އަރާފައި ވާއިރު ފާތިހާ ސޫރަތް ކިޔަވައި ހަދާފައިވެއެވެ.