އޯކިޑު މަގުގައި ހުންނަ މީޑިއާނެޓުގެ އޮފީހަށް ބަޔަކު ވަދެ، އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފަކު ޒަހަމްކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ 19 އަހަރާއި 22 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 22 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށާއި 19 އަހަރުގެ މީހާ ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯގައިވާ ގޮތުން، މީޑިއާނެޓުގެ އޮފީހަށް ވަދެ ހިންގި މާރާމާރީގައި ޒަހަމްވި އެ އޮފީހުގެ ފިރިހެން މުވައްޒަފަކު އެމްބިއުލާންސަށް އަރުވާ މަންޒަރު ފެނެއެވެ. އެ މާރާމާރީގައި ޒަހަމްވި މުވައްޒަފަށް އިތުރު ފަރުވާ ދިނުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައެވެ.