"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ގާއިމްކުރާ ބްރިޖް އަޅަން ޖަހާފައި ހުރި ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް ބަލައި، އަޅަން ޖެހޭ ފިޔަވަޅު އަޅައިދިނުމަށް ގޮވާލައްވައި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 19 މެންބަރުންގެ ތެރެއިން 16 މެންބަރުންގެ ވޯޓާ އެކުގައެވެ. އެ މައްސަލަ ބަލައިނުގަތުމަށް އެއް މެންބަރަކު ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވައި ދެ މެންބަރަކު ތިއްބެވިއެވެ.
މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން އުޝާމް ވިދާޅުވީ، ތިލަމާލެ ބްރިޖް މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް، އަދި ވަކިން ހާއްސަކޮށް ވިލިމާލެ އަށް ފައިދާ އާއި ކުރިއެރުން ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެންވެ، އެ މަޝްރޫއަށް ތާއީދު ކުރައްވާ ކަމަށެވެ.
ނަމަވެސް، މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން ވާނީ ރާއްޖޭގެ ތިމާވެއްޓަށް ބެލުމަށް ފަހުގައި ކަމަށާއި، އެކަމަކު ތިލަމާލެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ތިމާވެއްޓަށް ބަލަން ޖެހޭ ވަރަށް ނުބަލައި ކަން، އުޝާމް ފާހަގަކުރެއްވިއެވެ.
"މިހާރު މި ދިމާވެގެން އުޅޭ ހާދިސާއަކީ ވެސް އެފަދަ ކަމެއް. ބްރިޖް އެޅުމަށްޓަކައި ބޭނުންކުރަމުން ދިޔަ ޕްލެޓްފޯމުގެ އެންކާ (ނަގިލި) ކަހާލައިގެން ވިލިމާލޭގެ ފަރަށް އަރާފަ އޮންނަތާ މިހާރު ގާތްގަނޑަކަށް އެއް ހަފްތާ ވެގެން މި ދަނީ. މީގަ ސުވާލު އުފެދޭ ބައިވަރު ކަންތައްތަކެއް ވެސް އެބަހުރި." އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވި ގޮތުގައި، މޫސުން ރަނގަޅު ދުވަހެއްގައި މި ހާދިސާ ހިނގިއިރު، މި ހާދިސާ ހިނގި ސަބަބެއް ދައުލަތުން ސާފުކޮށްދީފައެއް ނުވެއެވެ. އަދި އެ މަޝްރޫއު ހިންގާ އިންޑިއާގެ އެފްކޮންސް އިން ވެސް މި ހާދިސާ އާ ގުޅިގެން ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން އެ ޕްލެޓްފޯމް ފުންކުރުމަށް އެކަށީގެންވާ މަސައްކަތެއް އެ ކުންފުނިން ނުކުރާ ކަމަށާއި، ފުންކުރުމުގެ މަސައްކަތް ފެށީ ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕްލެޓްފޯމްގެ ފައިތައް އޭރު އޮތީ ފަރުގެ ގާތަކުގައި ހަމަ ރަނގަޅަށް ހަރުލައި ގުޑުވާނުލެވޭ ވަރަށް ސްޓަކް ވެފަ. ދެ ދުވަސް ފަހުން ޓަގެއްގަ ޖަހައިގެން ދަމަން މަސައްކަތްކުރި ކަން އެނގޭ، ގާތަކުގަ ޕްލެޓްފޯމް ހަރުލާފަ އޮތީމަ އެއްގޮތަކަށް ވެސް ގުޑައެއް ނުލާ." އުޝާމް ވިދާޅުވިއެވެ.
ހަމަ އެއާއެކު، އެ މައްސަލައަށް އަވަސް އަދި އެދެވޭ ހައްލެއް ހޯދަން އެއްވެސް އިދާރާ އަކުން މަސައްކަތް ނުކުރާ ކަމަށް އުޝާމް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ޕްލެޓްފޯމް ނުނެގި ލަސްވަމުންދާ ކޮންމެ ދުވަހެއްގެ ސަބަބުން ވިލިމާލޭގެ ފަރަށް ގެއްލުން ވަމުން ދާނެއެވެ.
"މި މަސައްކަތް ކޮށް އޭތި އެތަނުން ނުނެގޭ ކޮންމެ ދުވަހަކީ ފަރަށް ގެއްލުން ވާނެ ކޮންމެ ދުވަހެއް." އުޝާމް ވިދާޅުވިއެވެ.
އެހެންކަމުން އުޝާމް ވަނީ އެފަދަ މަސައްކަތްތައް ކުރާއިރު، މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އެގޮތުން މި ހާދިސާގައި ލިބުނު ގެއްލުން ތަހްގީގުކޮށް، ކުންފުނީގެ އިހުމާލު އޮތް ނަމަ ފިޔަވަޅު އަޅަން އުޝާމް ވަނީ ގޮވާލައްވާފައެވެ.
މި މަހުގެ 16 ވަނަ ދުވަހު މި ހާދިސާ ހިނގަން މެދުމެރިވި ކަމަށް ބެލެވެނީ ފަރުމައްޗަށް ޕްލެޓްފޯމް އެރި ވަގުތު ރާޅު ޖެހުމުގެ ސަބަބުން ޕްލެޓްފޯމް އަރިއަޅާލައިގެންނެވެ. ޕްލެޓްފޯމް އަރިއަޅާލާފައި އޮތް އިރު ރާޅު ހުރިކަން ފޮޓޯތަކުން ފެނުމުގެ އިތުރުން، އޭގައި އެވަގުތު ތިބި މީހުންގެ ތެރެއިން ތިން މީހަކު މޫދަށް ވެއްޓި ވަނީ އަނިޔާވެފައެވެ. އަނިޔާވި ތިން މީހުނަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ވިލިމާލެ ފަރަށް ގެއްލުންވެފައި ވޭތޯ ބަލަމުން ދާ ކަމަށް، އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް "ދަ ޕްރެސް" އަށް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ތިލަމާލެ ސާވޭ ކުރާ ހަތަރު ފައި ޖެހި ޕްލެޓްފޯމަކީ އިރު އިރު ކޮޅާ ކޮޅުކޮޅަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާ އިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިނގިލި ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި އެ ޕްލެޓްފޯމް ދޭތެރެ ދޭތެރެއިން އަޅާފައި އޮވެއެވެ.