ކައިވެނި ހަފްލާތަކަކީ ގައްޒާގައި އުފާވެރިކަން ގެނެސްދޭ މަދު ވަގުތުކޮޅުތަކުގެ ތެރެއިން ވަގުތުކޮޅެއް ނަމަވެސް އިޒްރޭލުން ދިން އުދުވާނީ ހަމަލާތަކެއްގައި އެތައްބަޔަކު މަރުވެގެން ދިޔަ އިރު ކައިވެނީގެ އުފާވެރިކަން ވެސް ވަނީ ކަފުން ކުރަން ޖެހިފައެވެ.

އޭގެތެރެއިން އެކަކު ކަމުގައިވާ ގައްޒާގެ އަބީރް ހަރަބް ހިމެނެއެވެ. އުމުރުން 24 އަހަރުގެ ޒުވާން އަބީރްއާ, އިސްމާއިލް ދުވެއިކް އެންގޭޖްވީ މިދިޔަ ޖޫން މަހުގައެވެ. ފޮނި އުއްމީދުތާކަކާ އެކު, ކައިވެނީގެ ތައްޔާރީތަކުގައި އަވަދިނެތި އުޅެނިކޮށް، އިޒްރޭލުން ވަނީ ވައިގެ ހަމަލާއެއް ދީ, އަބީރުގެ އުންމީދުތައް ވަނީ ފުނޑުފުނޑު ކޮށްލާފައެވެ.

އަބީރާ އެކު އާ ދިރިއުޅުމެއް ފެށުމުގެ ފޮނި ހުވަފެންތައް ދެކެމުން ދިޔަ އުމުރުން 30 އަހަރުގެ އިސްމާއީލް މަރުވެފައި ވަނީ, އިޒްރޭލުން ގައްޒާއަށް ބޮން އެޅަން ފެށިތާ ދެވަނަ ދުވަހުއެވެ. އޭނައަކީ، އިޒްރޭލުން، ފަލަސްތީނުގެ އިސްލާމިކް ޖިހާދަށް އަމާޒުކޮށް ކަމަށް ބުނެ އެންމެ ފަހުން ދިން ހަމަލާތަކުގައި, މަރުވި ފަލަސްތީނުގެ 49 މީހުންގެ ތެރެއިން އެކަކެވެ. މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ އާންމުން ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ.

އަބީރު އޭނާގެ ލޯބިވެރިޔާގެ މަގުބަރާގައި ބޮސްދެނީ / ފޮޓޯ: އަލްޖަޒީރާ

އިޒްރޭލުން ބުނެފައިވަނީ މި ހަމަލާއަކީ އިސްލާމިކް ޖިހާދަށް ދިން "ކުއްލި" ހަމަލާއެއް ކަމަށާއި، އެ މީހުން ވަނީ އިޒްރޭލަށް ހަމަލާތައް ދިނުމަށް ރާވާފައި ކަމަށެއެވެ.

އިޒްރޭލުން ބޮން އެޅި ދުވަހު އަބީރު އޮތީ، އިސްމާއިލްގެ އާއިލާއެކު މެންދުރުގެ ކެއުމަށް އެ ގެއަށް ދާން ހަމަޖެހިފައި ނަމަވެސް އެ ހަމަލާގެ ހަބަރާ އެކު އަބީރު ނުދެއެވެ. އަދި އެ ދުވަހު އިސްމާއިލް އަބީރު ގާތަށް އަންނާނެ ކަމަށް ބުނި ނަމަވެސް އެއީ އޭނާގެ ނަސީބުގައި ކުރަން ނެތް ދަތުރެއް ކަމަށް، އަބީރު ވަނީ ބުނެފައެވެ.

އިސްމާއިލް ގެ އާއިލާ ދިރިއުޅުނު ރަފާގެ އަޝްއުތު ކޭމްޕަށް ބޮން އެޅި ހަބަރުތައް އިވުމުން, އިސްމާއިލް އަށް ގުޅަން މަސައްކަތް ކުރިމަށާއި, އެތަށް ފަހަރަކު ގުޅިނަމަވެސް އޭނާ ފޯނަށް ޖަވާބު ނުދިނުމުން ބިރުން ރޯން ފެށުނު ކަމަށް އަބީރު ބުންޏެވެ.

އިސްމާއިލްގެ އާއިލާއިން ބުނާގޮތުގައި ބޮން އަޅަން ފެށުމުގެ ކުޑައިރުކޮޅެއްގެ ކުރިން އޭނާ ވަނި ގެއަށް އައިސްފައެވެ. އެ ހަމަލާގައި އިސްމާއީލްއާއި އޭނާގެ މަންމަ ވަނީ މަރުވެފައެވެ. މިއީ އިސްލާމިކް ޖީހާދު ގުރޫޕްގެ ލީޑަރުގެ ގެއަށް އަމާޒުކޮށް ދިން ހަމަލާ ކަނަށް އިޒްރޭލުން ބުނި ހަމަލާއެވެ.

އެ ހަބަރު އިވުމުން އޭނާގެ ދުނިޔެ އެފުށްމިފުށަށް ޖެހުނުހެން ހީވި ކަމަށް އަބީރު ބުންޏެވެ. ފުނޑުފުނޑުވެފައި ވާ، ގެތަކުގެ ދަށުން އަނިޔާވެފައި ވާ، މީހުންނާއި މަރުވެފައި ވާ މީހުންގެ ހަށިގަނޑު ނެރެމުން ދިޔަ ވަގުތު, އިސްމާއިލަށް އެއްވެސް ކަމެއް ނުވުމަށް އެދި މާތް الله ގެ ހަޟްރަތުގައި ދުއާ ކުރެވުނު އަދަދު ނޭނގޭ ކަމަށް އޭނާ ބުނެއެވެ.

އަބީރާއި އިސްމާއީލްގެ ކައިވެނީގެ ވާހަކައިން ދޭހަވަނި ގައްޒާގެ އާންމު ދިރިއުޅުމުގައި ދިމާވާ ކޯޅުންތަކުގެ އަސަރުން، ދިރިއުޅުމުގެ ހާލަތު ބަދަލުވެ ނުވަތަ ނިމިގެންދާލެއް އަވަސްކަމެވެ.

''މީ ހަގީގަތެއް ކަމެއް ގަބޫލުކުރާކަށް ބޭނުމެއްނޫން. އިޒްލޭލުން އަހަރެންގެ ހުވަފެންތައް ފުނޑުފުނޑުކޮށް އަހަރެންގެ ވާންއުޅޭ ފިރިމީހާއާ އެކީ، އަހަރެންގެ އުފާވެރިކަން ފޭރިގަންފި''
އަބީރު

ކައިވެނީގެ ދުވަހުގައި އިތުރު ހިތާމައެއް

މިފަދަ އިތުރު ހާދިސާތަކަށް ބަލާއިރު އެގައުމުގެ ރައްޔިތެއް ކަމުގައި ވާ އަކްރަމް އަބޫގައިދާގެ ވާހަކައަކީވެސް ފާހަގަ ކޮށްލެވޭ ހިތާމަވެރި ވާހަކައެކެވެ.

އަކްރަމް އަބޫގައިދާގެ ކައިވެނި ދުވަސް ވެގެންގޮސްފައި ވަނީ އެ އާއިލާއަށް ކުރިމަތިވި، ބިރުވެރި ހުވަފެނަކަށެވެ.

އަކްރަމްގެ ކައިވެނި ކުރަން ހަމަޖެހުނު ދަވަހަކީ އޮގަސްޓް މަހުގެ 6 ވަނަ ދުވަހެއެވެ. އެ ދުވަހަކީ އާއިލާއާއި ރައްޓެހިންނަށް ކާންދީ ދީ ލޯބިވާ އަނބިމީހާއާއެކު ރަސްމީކޮށް އާ ހަޔާތެއް ފަށާ އުފާވެރި ދުވަހެކެވެ. އެހެންނަމަވެސް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން އެގައުމުގެ ގިނަ ބަޔަކު މަރުވެފައި ވާއިރު، އެމީހުނަށް އިހްތިރާމް އަދާ ކުރުމުގެ ގޮތުން، ހަފަލާއެއް ނުބާއްވާ އެދެމީހުންގެ ކައިވެނި ކުރުވަން ނިންމިއެވެ.

ގައްޒާގެ ސަގާފާތާ އެއްގޮތަށް އޭނާއާއި އޭނާގެ އަންހެނުންގެ އިތުރުން އޭނާގެ އާއިލާއިން ކައިއިވެނީގެ ރަސްމީއްޔާތު ފުރިހަމަކުރުމަށް، އެ އަންހެން މީހާ އެމީހުންގެ ގެއަށް ގެނައުމަށް ދަތުރު ފެށިކަމަށާއި, ދިޔަ މަގުމަތީ އަކްރަމްގެ މަންމަ ނައީމާ، އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޝިކާރައަކަށްވެ، އޭނާ ވަނީ ވަގުތުން މަރުވެފައި ކަމަށާއި ކުދިން ހިމެނޭހެން އެއާއިލާގެ ފަސް މެމްބަރަކު ޒަހަމްވި ކަމަށް, އަކްރަމްގެ ފަރާތުން ވާހަކަ ދައްކަމުން އޭނާގެ ބައްޕަ ބުންޏެވެ.

''އެއީ ބިރުވެރި މަންޒަރެއް. ވީނުވީއެއް އަހަންނަކަށް ނޭނގުނު، ކާރުން ފޭބި ގަޑީގައި އަހަރެންގެ އަނބިމީހާ ގާއިގައި މިސައިލަކުން ޖެހި އޭނާ ކޮށާލެވިއްޖެ، އުފާވެރިކަމުގެ މާހައުލު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޖަނާޒާއަކަށް ބަދަލުވީ, އަހަރެމެންގެ ކުށަކީ ކޮބާ؟ މުޅި އުމުރަށް ފަހަތުން ދުވާނެ ވޭންދެނިވި ހަނދާނަކާއެކު އުޅޭން މިޖެހުނީ. އަހަރެންގެ ދަރިފުޅުގެ ކުށަކީ ކޮބާ؟
މުހައްމަދު

މުހައްމަދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާގެ ފިރިހެން ދަރިފުޅުގެ ނަފްސާނީ ހާލަތާއި، އަދިވެސް އަމިއްލަ ގޭގައި ހުރި އޭނާގެ ދަނބިދަރިފުޅުގެ ހާލަތާ މެދުގައެވެ. މިހުރިހާ ކަމަކަށް ފަހު އުފާފާޅުކުރުމަށް ނުވަތަ ކައިވެނި ކުރަން ބޭނުން ވާނީ ކާކުތޯ އޭނާ ވަނީ އަހާފަވެއެވެ.

އިތުރު ކައިވެންޏެއް

މި ދެ ކައިވެނީގެ އިތުރުން ގިނަ ކައިވެނި ތަކަކަށް ގައްޒާގައި ތައްޔާރުވެފައި އޮތް ނަމަވެސް ނަސީބު ކަންދިމާކުރި ގޮތުން އެ ކައިވެނިތަކަށް ޔަހޫދީ އިޒްރޭލުގެ ހަމަލާއެއް އަމާޒުވެފައެއް ނުވެއެވެ. ނަމަވެސް ޕަލަސްތީނުގެ ބިން ކަމުން ހިތާމައަކީ އެންމެން ޝާމިލުވާ ގޮތެއްގައި އަބަދަށް ދެމިދެމި އޮންނަ ހިތާމައެކެވެ.

ޔަހޫދީ އިޒްރޭލުގެ އުދުވާނާ ހެދި ފަލަސްތީނުގެ އާންމު ދިރިއުޅުން އުނދަގުލަކަށް ވެ ނަފްސާނީ ކަމަކަށް ވެފައި ވާ ފަދައެވެ.

އޭގެ އެއް މިސާލަކީ މައިސާ މަލީހާ އާއި އަހުމަދު ޒަގޫތުގެ ކައިވެނި ފަސްކުރަން ޖެހުނު ހާދިސާއެވެ. މައިސާ މަލީހާ އާއި އަހުމަދު ޒަގޫތުގެ ކައިވެނި ފަސްކުރީ ގައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހާސް ކަމާއި ނުތަނަވަސްކަން ބޮޑުވެގެންނެވެ. އިޒްރޭލުން ބޮން އަޅަމުން ދިޔަ އިރު، އާންމުންގެ އެތައް ބަޔަކު މަރުވެ ޒަހަމްވެ، ގެދޮރު ހަލާކުވަމުން ދިޔުމުގެ ނަތީޖާއަކީ ކުރިން ބުނި އަބީރު އާއި އަކްރަމް އަށް ދިމާވި ފަދަ ހާލަތެއް މައިސާއަށް ދިމާ ނުވި ނަމަވެސް ކައިވެނި ފަސްކުރަން ޖެހުމެވެ.

މައިސާ ކައިވެންޏަށް ތައްޔާރުވެގެން / ފޮޓޯ: އަލްޖަޒީރާ

''ގައްޒާގައި އެންމެ ދެރަ ތަންކޮޅަކީ މިއީ. ޕްލޭނިން އަކީ ނެތް އެއްޗެއް ފަދަ، ތިމާގެ ދިރިއުޅުމުގެ ޕްލޭން ތިމާ އެންމެ ބޭނުންވާ ގޮތަކަށް ޕްލޭން ނުކުރެވޭނެ. އެހެނީ ތިމާގެ އަމިއްލަ ދިރިއުޅުމުގެ ޕްލޭންތަކަށް ބުރޫއަރާ ފަދަ ސިޔާސީ އަދި ސަލާމަތީ ކަންކަން ދިމާވާ ގައުމެއް މިއީ'' މައިސާ ބުންޏެވެ.

އެ ދެމީހުންގެ ކައިވެނި ފަސްކޮށްފައި ވަނީ އިޒްރޭލުގެ އުދުވާނު ނިމި ދުވަސްކޮޅެއް ފަހުން އެކަން ކުރާގޮތަށެވެ.

ހުސްވި ހަފްތާގެ ކުރީކޮޅު އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ދަސްވި ފިލާވަޅަކީ އެވަގުތު ލިބެން އޮތް އެއްޗަކަށް ޝުކުރުކޮށް އުފާކުރުން ކަމަށް މައިސާ ބުނެއެވެ. އަދި ބޭނުންވާ ގޮތަށް ކަންކަން ނުދާތީ, ހިތުގައި ކިތަންމެ ޖެހުނަސް ކައިވެނި ކޮށް އުފާވާން މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ. އެހެނީ ގައްޒާގައި އުފާވެރިކަން ދެމިގެން ދަނީ ވަރަށް ކުޑަ ހިންދުކޮޅަކަށް ކަމަށް ވެފައި މާދަން ވާނެ ގޮތެއް ނޭނގޭތީ ކަމަށެވެ.