ކ. ހިންމަފުށީގައި ފަތުރުވެރިން ތިބި ގެސްޓްހައުސް އަކަށް ވަދެ، ތަކެއްޗަށް ގެއްލުންދީ، އަދި ރަށު ތެރޭގައި ހިންގި އެހެން ހަމަނުޖެހުމަކާ ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ހިންމަފުށީ ގެސްޓް ހައުސްއަކަށް ގެއްލުންދީފައިވާ ކަމުގެ ރިޕޯޓް ލިބުނީ އިއްޔެގެ 15:45ހާއިރު ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި 32 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރޭ ދަންވަރުގެ ރަށު ތެރޭގައި ވެސް ހަމަނުޖެހުން ހިންގާފައިވާ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އޭގެ ތެރޭގައި ހިމެނެނީ އުމުރުން 20 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއް އަދި 37 އަހަރުގެ މީހެއް ކަމަށެވެ.

މިހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ. އަދި އަނެއް ދެ މީހުން ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން 32 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށްފަހު ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ، މި ދެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.