ދިވެހިރާއްޖޭގައި ވެރިކަން ހިންގާ ނިޒާމު ބަދަލުކުރުމާ މެދު އެމްޑީޕީގެ ކޮންގްރެސް އިން ގޮތެއް ނިންމަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަވަން ނުނިންމަވާ ކަމަށް އެމަނިކުފާނުގެ ވިދާޅުވެއްޖެއެވެ.
މިވަގުތު ކޮންގްރެސް ކުރިއަށްދާ ސަރަހައްދުގެ ބޭރުގައި ތިބި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވަނީ އެ ގަރާރު ނަގަން ނުނިންމަވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ވަގުތު ކޮންގްރެސް ހޯލުގައި ހުންނެވި އެމްޑީޕީގެ އިސް ބޭފުޅަކު "ދަ ޕްރެސް" އަށް ވަނީ އެ ގަރާރު އަނބުރާ ގެންދަން ނިންމެވި ކަމަށްވެސް ވިދާޅުވެފައެވެ.
ނަޝީދު ގަރާރު އަނބުރާ ގެންދަވަން ނިންމި ކަމުގެ އަޑުތައް ގަދަވެފައިވަނީ މިހާރު ކުރިއަށް ދާ ވޯޓުގެ ހަވާސާގައި ލީޑާޝިޕްގެ އިސްބޭފުޅުންނާ ކުރެއްވި މަޝްވަރާތަކުގައި ކަމަށް މައުލޫމާތު ލިބިފައިވާއިރު ކޮންގްރެސްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުން ބަރުލަމާނީ އަށް ތާއީދު ނެތްކަން މެންބަރުންގެ ވާހަކަތަކުން ވަނީ ހާމަވެފައެވެ.
މީގެ ކުރިން ރައީސް ސޯލިހު ވަނީ އެ ގަރާރު އަނބުރާ ގެންދެވުމަށް ވެސް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް މިއަދާ ހިސާބަށް ވެސް ނަޝީދު ހުންނެވީ އެ ގަރާރު އަނބުރާ ގެންދަވާ ގޮތަކަށް ނޫނެވެ.
ކޮންގްރެސްގައި ދެ ރައީސުން ގިނައިރުތަކެއް ވާންދެން މަޝްވަރާތަކެއް ކުރެއްވި އިރު ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާއެކު ވެސް މަޝްވަރާތައް ވަނީ ކުރައްވާފައެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރާ އިރު، އެކަމާ ގިނަ ބަޔަކު އަންނަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ. އޭގެތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އަދާލާތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާ އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ހިޝާން ހުސައިނާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ވިދާޅުވެފައެވެ.