ދިވެހި ނޫސްވެރިންގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން ނޫސްވެރިންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް، ނޫސްވެރިންގެ ޓީމެއް އިންޑިއާ އަށް މިއަދު ފުރައިފިއެވެ.

މީޑިއާ ކައުންސިލުން ބުނީ، އިންޑިއާގެ އެމިޓީ ޔުނިވާސިޓީ (ނޮއިޑް) އިން ދިވެހި ނޫސްވެރިންނަށް ހާއްސަކޮށް ބާއްވާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް، ދިވެހި މީޑިއާގެ 20 ނޫސްވެރިންނާއި އެޑިޓަރުންގެ ޓީމެއް މެންދުރު އިންޑިއާ އަށް ފުރާފައިވާ ކަމަށެވެ.

އަށް ދުވަހުގެ އެ ޕްރޮގްރާމްގައި އެތިކްސް އާއި، މީޑިއާ ދާއިރާގެ މުހިންމު ގާނޫނުތަކާއި، އެކި ހާލަތްތަކުގައި ހަބަރު ގެނެސްދީ ރިޕޯޓްކުރާނެ ގޮތްތަކާއި، ސޯޝަލް މީޑިއާގެ މުހިންމުކަން ފަދަ ބައިތައް ކިޔަވައިދީ ސެޝަންތައް ނޫސްވެރިންނަށް ހިންގާނެ ކަމަށް، މީޑިއާ ކައުންސިލުން ބުންޏެވެ.

އޭގެ އިތުރުން އިންޑިއާގެ އެކި މީޑިއާ ހައުސްތަކަށާއި އެ ގައުމުގެ ސަރުކާރުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ އެޑިޓަރުންނާއި ސީނިއާ ނޫސްވެރިންނާ ބައްދަލުކޮށް، މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ސެޝަންތަކެއް ރޭވިފައިވާ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނި ގޮތުގައި، މި ތަމްރީން ދަތުރުގައި ބައިވެރިވާ ނޫސްވެރިން ޕްރެސް ކައުންސިލް އޮފް އިންޑިއާ، ޕްރަސާރް ބާރިތީ، ދޫދާޝަން ކެންދުރާ، އަދި ނެޝަނަލް ކެޕިޓަލް ރީޖަނަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވެއެވެ.

މީޑިއާ ކައުންސިލުން ބުނީ، ނޫސްވެރިން އިންޑިއާ އަށް ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ދިޔައީ، ނޫސްވެރިންގެ ގާބިލްކަން އިތުރުކުރުމަށް އެ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމްގެ ދަށުން ލިބުނު ފުރުސަތެއްގައި ކަމަށެވެ.