ފިންލޭންޑްގެ ބޮޑުވަޒީރު ޕާޓީ ކުރެއްވި މައްސަލަ ހޫނުވެ ޑްރަގް ޓެސްޓު ހަދާފިއެވެ.
އިއްޔެ އާއްމުވި ވީޑިއޯތަކުން ފިންލޭންޑްގެ ބޮޑުވަޒީރު ޕާޓީ ކުރައްވާ މަންޒަރު ވަނީ ފެނި އާންމުންގެ ފަރާތުން ކުރިމަތިވަމުން ދިޔަ ފާޑުކިޔުމުގެ ސަބަބުން ޑްރަގް ޓެސްޓެއް ހައްދަވާފައެވެ.
ފިންލޭންޑުގެ ބޮޑުވަޒީރު ސަންނާ މަރީން ފާހަގަ ވެފައި ވަނީ ޕާޓީ ކުރެއްވުމަށް ލޯބި ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މި ފާއިތުވެ ދިޔަ ދެއަހަރު މި ސަބަބުތަކާ ހުރެ ގިނަ ބައެއްގެ ފާޑުކިއުމާއި ނުރުހުންވެސް ވަނީ އޭނާއަށް އަމާޒުވެފައެވެ. މިފަހަރުވެސް އޭނާއަށް އާންމުންގެ ފާޑުކިޔުންތަށް އަމާޒުވީ ލީކުވި ވީޑިއޯއަކުން އެކަމަނާގެ އެކުވެރިންތަކަކާއެކު ލަވަ ވިދާޅުވެ ނައްޓަވާ، ޕާޓީ ކުރައްވާ މަންޒަރު ފެނުމުންނެވެ. މި ވީޑިއޯ އާއްމުވުމާއެކު ސިޔާސީ ބައެއް ވެރިން ބުނެފައި ވަނީ އޭނާ ހުންނެވީ މަސްތުގެ ހާލުގައި ކަމަށެވެ.
ބޮޑުވަޒީރު ވަނީ މި ތުހުމަތުތަށް ދޮގުކުރައްވައި އޭނާ ގޯސް އެއްވެސް ކަމައެއް ނުކުރައްވާކަމަށް ވިދާޅުވެފައެވެ.
"މި ތުހުމަތުތަކަކީ ވަރަށް ސީރިއަސް ތުހުމަތުތަކެއް، އަދި ޑްރަގް ޓެސްޓެއް ހެދުމަށް ޑިމާންޑް ކުރުމަކީ އިންސާފުވެރި ކަމެއް ނޫންކަމެއް ކަމަށް ގަބޫލުކުރި ނަމަވެސް، އަޅުގަނޑުގެ އަމިއްލަ ގާނޫނީ ރައްކާތެރިކަމަށްޓަކާއި އަދި ހުރިހާ ބޭފުޅުންގެ ޝައްކު ފިލުވުމަށް، މިއަދު އަޅުގަނޑު ޑްރަގް ޓެސްޓެއް ހަދާފައި ވާނެ، އޭގެ ނަތީޖާ ލިބޭނެ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސްތެރޭ،" ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަންނާ މާރިން ވިދާޅުވިއެވެ.
ފުރާވަރުގެ ދުވަސްވަރުގައި ވެސް އެއްވެސް ބާވަތެއްގެ މަސްތުވާއެއްޗެއް ބޭނުން ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވަމުން ޓެސްޓު ހެއްދެވީ ހަމައެކަނި މީހުންނަށް އަރާފައިވާ އޮޅުން ފިލުވާއި ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
ވީޑިއޯތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ވިދާޅުވެފައި ވަނީ ވީޑިއޯ ކުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ ވީޑިއޯތަށް އާއްމު ވެދާނެ ކަމަށް ހީ ނުކުރައްވާ ކަމަށެވެ.
އާއްމުވި ފުރަތަމަ ވީޑީއޯއިން ފެންނަނީ އޭނާ ޕާޓީއެއްގައި ނައްޓަވާ ލަވަވިދާޅުވާ މަންޒަރެވެ. ހުކުރު ދުވަހު އާއްމުވި ދިޔަ ދެވަނަ ވީޑިއޯއިން ފެންނަނީ ފިންލޭންޑްގެ ޕޮޕްސްޓާ އޮލާވީ އުސިވިރްޓާއާ އެކު ނައްޓަވަމުން ގެންދެވި މަންޒަރެވެ. ހުކުރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ބުނެފަވަނީ ''އޭނާ'' ބޮޑުވަޒީރުގެ ކަރުގައި ބޮސްދިންހެން ހީވާ ކަމަށެވެ. ޖަވާބުގައި ބޮޑުވަޒީރު ވިދާޅުވީ ހަގީގަތުގައި އޭނާ ބޮޑުވަޒީރާ ވާހަކަ ދެއްކީ ކަމަށާއި ފަހަރުގައި އޭނާގެ ކޯތާފަތަށް ބޮސްދީފައި ވެދާނެ ކަމަށެވެ.
މީހަކު ކޯތާފަތުގައި ބޮސްދިނުމަކުން، އޭގައި ގޯހެއް ނެތް ކަމަށާއި, އެކަމުގައި އޭނާއަށް ނުކުރެއްވޭ ކަމެއް ނުވަތަ ފިރިކަލުން އަރިހުގައި ވިދާޅު ނުވެވޭ ވަރުގެ ކަމެއް ނެތް، ކަމަށްވެސް ވިދާޅުވިއެވެ.
ފެންމަތިވެފައިމިވާ ހާދިސާއެކު, ނޫސްވެރިން ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑުވަޒީރު ކަމުގައި ހުންނެވި, މާރިންއަށް ސަރުކާރާގުޅޭ ނިންމުންތަކެއް އަވަހަށް ނިންމަން ޖެހިއްޖެ ނަމަ ނިންމެވޭނެތޯ ސުވާލު އުފައްދާފައެވެ.
"ސްޓޭޓް ކައުންސިލް ޕެލަސްއަށް ދާން ރޭގަނޑު ދަންވަރު ކުއްލި ހާލަތެއް ދިމާވި އެންމެ ފަހަރެއްވެސް ހަނދާނެއް ނުވޭ، އަހަރެން ގަބޫލު ކުރާގޮތުގައި އަހަރެންގެ ފަންކްޝަން ކުރުމުގެ ގާބިލްކަން ވަރަށް ރަނގަޅު. އަހަރެން ޕާޓީ ކުރި ދުވަސްތަކުގައި، އެއްވެސް ބައްދަލުވުން ތަކެއް ނެތް'' ބޮޑުވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ޒުވާން އެއް ލީޑަރު ކަމަށްވާ މަރީން ޕާޓީ ކުރައްވާކަން އެއީ ދުނިޔެއަށް ސިއްރުވެފައި ވާ ކަމެއް ނޫނެވެ. ޖަރުމަނުވިލާތުގެ ނިއުސް އައުޓްލެޓެއް ކަމަށްވާ ބިލްޑް އިން، ދުނިޔޭގައި ހުރި އެންމެ ކޫލް ބޮޑުވަޒީރުގެ ލަގަބު އޭނާއަށް ދިފާވަނީ ހަމަ މިދިޔަ ހަފްތާގައެވެ.
މި ހަބަރު ނޫސްތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދާފައި ވާއިރު، އިދިކޮޅު ޕާޓީތަކުން ބޮޑުވަޒީރަށާއި މީޑިއާތަކަށް ފާޑުކިޔުން އަމާޒުކޮށްފައި ވަނި، ދިމާވެފައި ވާ ދާހިލީ މައްސަލަތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި ބޮޑުވަޒީރު ޕާޓީ ކުރެއްވުން ފަދަ ބޭކާރު ކަންކަަމަށް ހުރިހާ ސަމާލުކަމެއް ދެއްވާ ކަމަށް ބުނެއެވެ.