ރަޝިޔާއިން އަތުލާފައި ވާ ޔޫކްރައިންގެ ޒެޕޯރީޒިއާ ނިއުކްލިއާ ޕްލާންޓް އިންސްޕެކްޓު ކުރުމުގެ ހުއްދަ އދ ގެ އޮފިޝަލުންނަށް ދޭނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ. ކްރެމްލިން އިން މިކަން އިއުލާން ކޮށްފައި ވަނީ ޕުޓިންއާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ދެމެދު ފޯނުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ރަޝިއާއިން އެ ހުއްދަ ދޭން ނިންމީ، އެ ނިއްކްލިއާ ކާރުހާނާ ސަރަހައްދުގައި ހަނަގުރާމަ ހިނގަމުން ދާ ކަމަށާއި ރަޝިއާގެ ހަމަލާތަކުގައި އާންމުންގެ 4 މީހަކު ޒަހަމްވެފައި ވާ ކަމަށް ހުޅަނގުން ތުހުމަތު ކުރާ ދަނޑިވަޅެއްގައެވެ. ރަޝިއާއިން ޔޫކްރައިން އަށް ހަމަލާ ދޭން ފެށިތާ މަސްދުވަސް ތެރޭ އެ ގައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންދިޔަ އެ ނިއުކްލިއާ ޕްލާންޓް އަދިވެސް ހުރީ ރަޝިއާގެ ބާރުގެ ދަށުގައެވެ.

ރަޝިއާއިން އިތުރަށް ބުނީ ނިއެކްލިއާ ސައިޓަށް ވަނުމަށް އދ. ގެ ތަހުގީގު ކުރާ ޓީމުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ރާޝިއާގެ މިނިންމުނަށް މަރުހަބާ ކިޔާ، އދ ނިއުކްލިއާ އެެޖެންސީ އައިއޭއީއޭއިން ވަނީ ރަޝިއާގެ ބެލުމުގެ ދަށުން އެ ޖަމާއަތުން އެ މަސައްކަތަށް ތައްޔާރު ކަމަށް ބުނެފައެވެ.

ޔޫކްރައިނުން ބުނާ ގޮތުގައި ރަޝިޔާއިން ވަނީ އެ ނިއުކްލިއާ ޕްލާންޓް ހިމެނޭ ކޮންޕްލެކްސް ސިފައިންގެ މަރުކަޒަކަށް ބަދަލުކޮށް, އަސްކަރީ ސާމާނާއި ހަތިޔާރާއި ގާތްގަނޑަކަށް 500 ސިފައިން އެތަނަށް ވައްދާފައެވެ. އަދި އެއީ ކައިރި އެހެން ސަރަހައްދުތަކަށް ހަމަލާދޭން ރާޝިއާއިން ބޭނުން ކުރާ މަރުކަޒަކަށްވެސް ހަދައިފި ކަމަށް ޔޫކްރައިނުން ބުނެއވެ.

އެ ކާރުހާނާ އިންސްޕެކްޓް ކުރުމުގެ ފުރުސަތު ދޭނެކަމަށް ބުނި ނަމަވެސް, ރަޝިޔާގެ އޮފިޝަލުން ވަނީ އެތަން ޑިމިލިޓަރައިޒް ކުރުމަށް ބައިނަލްއަގްވާމީ ގޮތުން ކުރާ ޑިމާންޑްތަކަށް ދެކޮޅު ހަދާފައެވެ.

ރަޝިޔާއިން ވަނީ ޔޫކްރައިނުން، އެގައުމުގެ އިރުމަތީ ސަރަހައްދުގައި ހުރި ނިއުކްލިއާ އިންޖީނުގެއެއް ހަލާކު ކުރުމުގެ ރޭވުން ރާވާފާވާ ކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން, ރަޝިޔާއިން ވަނީ އެ ޕްލާންޓާ ދެކޮޅަށް ޔޫކްރައިނުން ރާވާފައިވާ ކަމަށް ތުހުމަތުކުރާ ކަންކަން ތަފްސީލުކޮށް އދ ގެ މަޖިލީހަށް ސިޓީއެއް ހުށަހަޅާފައެވެ.

ރަޝިޔާއިން ތުހުމަތު ކުރާ ގޮތުގައި ޔޫކްރައިނުން ބޭނުންވަނީ ރޭޑިއާޝަން ލީކެއްގެ މައްޗަށް ކުޑަ ހާދިސާއެއް ހިންގާ އެކަން ރަޝިޔާގެ ބޮލުގައި އެޅުވުމަށާއި އެކަން ކާމިޔާބު ވެއްޖެ ނަމަ ރަޝިޔާގެ ބޮލުގައި ނިއުކްލިއާ ޓެރަރިޒަމްގެ ތުހުމަތު އެޅުވޭނެ ކަމަށެވެ.

ނިއުކްލިއާ ކާރުހާނާ ބަލަން ހުއްދަދޭން ނިންމި މި ދަނޑިވަޅުގައި އެމެރިކާއިން ވަނީ ޔޫކްރައިނަށް 775 މިލިއަން ޑޮލަރުގެ އަސްކަރީ ޕެކޭޖެއް ދޭން ނިންމާ އެކަން އިއުލާން ކޮށްފައެވެ.