އެމްޑަބްލިޔުއެސްސީ އިން މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކުންފުނީގެ ސްޓާފް ނައިޓް ބާއްވާއިފިއެވެ.

ރޭ ހުޅުމާލެެ ހުރަވީ ސްކޫލުގައި ބޭއްވި އެ ހަފްލާގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި ސީނިއާ މެނޭޖުމަންޓް ޓީމުގެ މެންބަރުންގެ އިތުރުން ކުންފުނީގެ މުވައްޒަފުން ބައިވެރިވިއެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ މުވައްޒަފުންގެ ހުނަރުވެރި ހުށަހެޅުންތަކާއެކު ބޭއްވި އެ ހަފްލާގައި ދިގު މުއްދަތެއްގައި ކުންފުންޏަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނާއި ރިޓަޔާ ކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އެވޯޑް ދީފައިވާ ކަމަށެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމުގައި ހީވާގި ކަމާއެކު މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ ކަންވެސް ފާހަގަކޮށްފައިވާއިރު އެ ހަފްލާގައި އެމްޑަބްލިޔުއެސްސީގެ އާ ސްޓާފް ކްލަބްތައްވެސް ވަނީ އިފްތިތާހުކޮށްފައެވެ.

އެ ހަފްލާގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ މި ހަފްލާގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާއެކު މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެގޮތުގައި ކުރިއަށް ދިއުމުގެ ރޫހު އާލާކޮށް އެކަމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ ހިދުމަތަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ މެދުކެނޑުމެއްނެތި ފޯރުކޮށްދޭންޖެހޭ ހިދުމަތެއްކަން ފާހަގަކުރައްވާ ސާހު ވިދާޅުވީ އެކުވެރި އެމްޑަބްލިޔުއެސްސީގެ ޓީމުން ކޮވިޑް 19 ގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް މެދުކެނޑުމެއްނެތި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ޝާހު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިހާރު އެމްޑަބްލިޔުއެސްސީއަކީ 100 ޕަސެންޓް ދިވެހި މެނޭޖްމަންޓެއް އޮތް ކާމިޔާބުކާމާއެކު ހިންގަމުންދާ ފަހުރުވެރި ކުންފުންޏަކަށްވާއިރު އެ ކާމިޔާބީތަކާއި ހިންގުންތެރިކަމުގެ ހަގީގީ މޭސްތިރިންނަކީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމުން މުވައްޒަފުންގެ ހިދުމަތްތައް ފާހަގަކޮށް އަގުވަޒަން ކުރުމަކީ ކުންފުނިން ނުހަނު އިސްކަންދޭ ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.