ޔޫކްރެއިންގެ ރައްޔިތުންނަށް އެހީވުމަށްޓަކާއި އެކުލަވާލި 775 މިލިއަން ޑޮލަރުގެ އެހީގެ އާ ޕެކޭޖް އެމެރިކާއިން އިއުލާން ކޮށްފިއެވެ. ޕެކޭޖުގައި މައިން ރެސިސްޓެންޓް ވެހިކަލްތަކާއި ސަވޭލަންސް ޑްރޯންތަކާއި އެހެނިހެން ހަތިޔާރުތައް ހިމެނޭނެ ކަމަށް އެމެރިކާގެ ޑިފެންސް ފޯސްގެ އިސް އޮފިޝަލުން ބުނެފަވެއެވެ.

އެމެރިކާއިން ޔޫކްރޭނަށް ދޭ އާ އަސްކަރީ އެހީގެ ޕެކޭޖު އިއުލާން ކޮށްފައި ވާއިރު, އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ވިދާޅުވީ އެހީގެ ތެރޭގައި އިތުރު ހަތިޔާރާއި ބަޑިއާއި ސާމާނު ހިމެނޭ ކަމަށެވެ. ބައިޑަންގެ ވެރިކަމުގައި ވަނީ ޔޫކްރޭނަށް އެހީތެރިވަމުން ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ރަޝިޔާގެ އުދުވާނީ އަމަލުތަކުން ގައުމު ދިފާއުކުރުމުގައި ޔޫކްރެއިންގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމަށް ރައިސް ޖޯ ބައިޑން ވެވަޑައިގެންފައިވާ ވައުދާފުޅާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން, އެމެރިކާގެ ޚާރިޖީ ވަޒީރު ޓޯނީ ބްލިންކެން ވިދާޅުވެފާވަނީ ޔޫކްރެއިނަށް އިތުރު ސަލާމަތީ އެހީތަކެއް ދޭނެކަމަށާ އެއީ ގާތްގަނޑަކަށް 10.6 ބިލިއަން ޑޮލަރުގެ އެހީއެއް ކަމަށެވެ. ޔޫކްރައިން އަށް އެހީވަނި ހަނގުރާމައިގެ މައިދާނުގައި ބޮޑު ތަފާތެއް ގެނެސް، މަޝްވަރާގެ މޭޒުމަތީގައި ޔޫކްރެއިންގެ މަގާމު ހަރުދަނާ ކުރުމަށް ކަމަށްވެސް އެމެރިކާއިން ބުނެއެވެ.

ކްރައިމިއާގައި ހުންނަ ރަޝިޔާގެ އަސްކަރީ ފެސިލިޓީތަކަށް ހަމަލާ ދިނުމަށް އެމެރިކާއާއި ނޭޓޯގެ އުކުވެރި ގައުމުތަކުން ޔޫކްރެއިނަށް ހިތްވަރުދޭ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ވަނީ ތުހުމަތު ކުރައްވާފައެވެ.

މޮސްކޯއިން ވަނީ ޔޫކްރެއިނަށް ހަތިޔާރު ނުދިނުމަށް ވޮޝިންޓަނަށް ތަކުރާރުކޮށް އިންޒާރު ދީ އެފަދަ ފިޔަވަޅުތަކަކީ "އަލިފާނަށް ތެޔޮ އެޅުން" ފަދަ ކަމެއް ކަމަށް ބުނެފައެވެ. އެހެންނަމަވެސް ޔޫކްރެއިންގެ ރައީސް ވްލަޑިމީރް ޒެލެންސްކީ އަދި އެހެން ގައުމުތަކުގެ ލީޑަރުން ވަނީ ރަޝިޔާގެ އަސްކަރީ ހަމަލާއާ ދެކޮޅަށް އެގައުމުގެ ސިފައިން ފަހަތަށް ޖައްސާލުމަށް އެހީތެރިވުމަށް ބަރު ހަތިޔާރު ފޮނުވުމަށް އެ ގައުމުގެ އެކުވެރިންނަށް ގޮވާލާފައެވެ.

މިއީ 2011 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ޔޫކްރެއިންއަށް އަސްކަރީ ގޮތުން އެހީވާ 19 ވަނަ ފަހަރެވެ. މީގެ ކުރިން ދީފައި ވާ އެހީގެ ޕެކޭޖުތަކުގެ ތެރޭގައި ޓެކްޓިކަލް ޑްރޯންތަކާއި ހިމާސްގެ ނަމުން ނަންދީފައިވާ ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމްސްގެ އިތުރުން އެހެނިހެން ހަތިޔާރުތައް ހިމެނެއެވެ.