މާދަމާ ފަށާ އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް، އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ކޮންގްރެސްގައި ބައިވެރިވާ ބައެއް މަންދޫބުންނަށް މަރުހަބާ ދަންނަވަން ރަސްމީ ފާލަމަށް ވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ، ކޮންގްރެސް އާ ގުޅޭގޮތުން މައްސަލަތަކެއް ހުށަހަޅާފައި އެބަހުރި ކަމަށާއި، ގަވައިދާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ނަމަވެސް ކޮންގްރެސް ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ

"އަޅުގަނޑުމެންނަކީ ތަހްގީގުކުރާ ބައެއް ނޫން. އެ ޝަކުވާތައް ބެލުމަށް ފަހު ގަވައިދާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން. ދެން ކޮންގްރެސް ލަސްކުރަން ޖެހޭ އެއްވެސް ކަހަލަ ސަބަބެއް ނެތް،"
ފައްޔާޒް އިސްމާއީލް | ޗެއާޕާސަން, އެމްޑީޕީ

ފައްޔާޒް ވިދާޅުވި ގޮތުގައި މިފަހަރު ބާއްވާ ކޮންގްރެސްގެ ކަންކަން ދަނީ ދެފުށް ފެންނަ ގޮތަށް، އަދި ޕާޓީގެ ގަވައިދާ އެއްގޮތަށެވެ. ހަމަ އެއާއެކު އޭނާ ވިދާޅުވީ އޭނާގެ ޓީމުގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން ކޮންގްރެސްގައި ބައިވެރިވުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަނުކުރެވިގެން އެ ބޭފުޅުންނަށް ބައިވެރިނުވެވޭ ކަމަށެވެ.

އަދި ކޮންގްރެސް ލަސްކުރަން ޖެހިއްޖެ ނަމަ، ގައުމީ މަޖިލީހުން ފާސްކުރީމަ ލަސްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަކި އެއްޗެއް ފާސްވެދާނެތީ ނުވަތަ ފާސް ނުވެދާނެތީ ބައެއްގެ ކޮންގްރެސް ލަސްކުރަން ޖެހިއްޖެ ނަމަ، ގައުމީ މަޖިލީހުން ފާސް ކުރީމަ އަޅުގަނޑުމެން ލަސްކުރާނަން،"
ފައްޔާޒް އިސްމާއީލް | ޗެއާޕާސަން, އެމްޑީޕީ

ފައްޔާޒް މިފަދައިން ވިދާޅުވިއިރު، އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ ފަރާތުން މެދުހެންވޭރު ދާއިރާ ތަމްސީލްކުރާ މެންބަރު އަލީ އާޒިމް ވަނީ ފައްޔާޒަށް ސިޓީ އެއް ފޮނުއްވައިފައެވެ. އެ ސިޓީގައި އާޒިމް ވަނީ އެމްޑީޕީގެ ކޮންގްރެސް އަށް ޕާޓީގެ ގޮފިތަކުން ހޮވާފައިވާ ގިނަ މަންދޫބުން ހޮވާފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅާފައިވާ އެންމެ މުހިންމު ހުށަހެޅުމަކީ ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރެވެ. ނަމަވެސް އެ ގަރާރު އަނބުރާ ގެންދިއުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.