އޯކިޑު މަގުގައި ހުންނަ މީޑިއާނެޓުގެ އޮފީހަށް ބަޔަކު ވަދެ، އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފަކު ޒަހަމް ކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައިވާ ގޮތުން، މީޑިއާނެޓުގެ އޮފީހަށް ވަދެ ހިންގި މާރާމާރީގައި ޒަހަމްވި އެ އޮފީހުގެ ފިރިހެން މުވައްޒަފަކު އެމްބިއުލާންސަށް އަރުވާ މަންޒަރު ފެނެއެވެ. އެ ސަރަހައްދުގައި އާންމުންގެ އިތުރުން، ފުލުހުން ވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، މީޑިއާނެޓުގެ އޮފީހަށް ވަދެ މާރާމާރީ އެއް ހިންގި ކަމުގެ މައުލޫމާތު ހަވީރު 5:48 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި އެ މާރާމާރީގައި ޒަހަމްވި މުވައްޒަފަށް އިތުރު ފަރުވާ ދިނުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ސަރަހައްދުގައި ފުލުހުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އިއްޔެ ހުޅުމާލެ ބީޗް ސަރަހައްދުގައި މާރާމާރީ އެއް ހިންގާފައިވާއިރު، އެ މާރާމާރީގައި 31 އަހަރުގެ ޒުވާނަކު ވަނީ އޭނާގެ އާއިލާ އަށް ނިސްބަތްވާ މުސްކުޅިއަކަށް ލަކުޑިފައްޗަކުން ހަމަލަދީފައެވެ. އެ މައްސަލައާ ގުޅިގެން މާރާމާރީ ހިންގި މީހާ ވަނީ އެ ސަރަހައްދުން ހައްޔަރުކޮށްފައެވެ.