ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މެޑިކަލް ވޯޑެއް ޖަޕާނު އެހީގައި މަރާމާތު ކުރުމަށް ފަހު އަދި ވަސީލަތްތަކާ އެކު ޖެންޑާ މިނިސްޓްރީ އާ ހަވާލުކޮށްފިއެވެ.

މިއަދު ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އޮތް ރަސްމިއްޔާތުގައި ޖަޕާންގެ ސަރުކާރުން އެ ވޯޑު ހަވާލުކޮށްދެއްވީ ޖަޕާނުގެ ސަފީރު ޓަކެއޫޗީ މިދޯރީއެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން އެ ވޯޑާ ހަވާލުވެވަޑައިގަތީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ.

ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި ޖަޕާންގެ ސަރުކާރުން އެ މަޝްރޫއަށް 86،961 އެމެރިކާ ޑޮލަރު (1.3 މިލިއަން ރުފިޔާ) ހޭދަކޮށްފައިވެއެވެ.

އެ މިނިސްޓްރީން ބުނީ، މީގެ ދެ އަހަރު ކުރިން ޖެނުއަރީ 20 ގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެވުނު ނަމަވެސް، ކޮވިޑުގެ ސަބަބުން އެ މަޝްރޫއު ނިންމުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެ މަޝްރޫއުގެ ސަބަބުން، މަރުކަޒުގައި ތިބި ބަލިމީހުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށާއި، އެގޮތުން މަރާމާތުކޮށްފައިވާ ވޯޑުގެ ސަބަބުން ޖާގައިގެ ތަނަވަސްކަން އިތުރުވެ، ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާ ދެވޭނެ އިންތިޒާމް ފަހިވެގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގުރައިދޫގެ ހާއްސަ އެހީ އަށް ބޭނުންވާ މަރުކަޒުގައި މި ވަގުތު އެހީ އަށް ބޭނުންވާ 191 މީހުން ބަލަހައްޓަމުން ދެއެވެ.