އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 21 މީހުން މަރާލައިފިއެވެ. އަދި އިތުރު 33 މީހަކަށް އަނިޔާވެފައިވާ ކަމަށް ކާބުލް ފުލުހުން ބުނެއެވެ.

ބުދަ ދުވަހުގެ ގޮވުން ހިނގީ އަޞްރު ނަމާދަށް މީހުން މިސްކިތުގައި ތިއްބައެވެ. މަރުވި މީހުންގެ ތެރޭގައި މިސްކިތުގެ އިމާމުވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

މި ހަމަލާގެ ފަހަތުގައި ތިބީ ކޮންބައެއްކަން އަދި ސާފެއް ނުވެއެވެ. މިހަމަލާ ދިނުމުގެ ހަފްތާއެއްހާ ދުވަސްކުރިން އިސްލާމިކް ސްޓޭޓް (އައިއެސް) ކަމަށް ބުނާ ހަނގުރާމަވެރިންތަކެއް, ވެރިރަށް ކާބުލްގައި ޖާނުންފިދާވެ ބޮމެއް ގޮއްވާލައިފާ ވާއިރު ތާލިބާނުންގެ ދީނީ އިލްމުވެރިއަކު އެ ހަމަލާގައި މަރުވެފައި ވެއެވެ.

ކާބުލްގައި ގޮވުމުގެ ހާދިސާ ހިނގި ސަރަހައްދު ސަލާމަތީ ބާރުތަކުން މިހާރު ވަނީ ބަންދުކޮށްފައެވެ.

މަންޒަރު ދުށް މީހުން ސިފަކުރި ގޮތުގައި ބާރުގަދަ އަޑުފައްގަނޑާއެކު ކައިރީގައި ހުރި އިމާރާތްތަކުގެ ކުޑަދޮރުތައް ވެސް ތަޅައިގެން ދިޔައެވެ.

"އަހަރެން ދުށިން ބަޔަކު މަރުވެފައިތާތަން، ވިއްސައިގެން ގޮސް މިސްކިތުގެ ކުޑަދޮރުން ވެސް މީހުން ބޭރުވި މަންޒަރު ދުށިން" އެ މަންޒަރު ލޮލުން ދުށް މީހަކު ރޮއިޓާސް ނިއުސް އެޖެންސީއަށް ކިޔާއިދެމުން ބުންޏެވެ.

ކާބުލްގެ މައި ހޮސްޕިޓަލް ހިންގާ މެޑިކަލް ޗެރިޓީ އިމަޖެންސީގެ ވެރިޔާ ސްޓެފަނޯ ސޮޒާ ބީބީސީއަށް ބުނެފައި ވަނީ އޭނާގެ ޓީމުން ކުޑަކުދިންވެސް ހިމެނޭހެން 35 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ.

"އަހަރެމެންގެ ޑޮކްޓަރުން ވަނީ މުޅި ރޭ ސާޖިކަލް އެހީތެރިކަން ބޭނުންވާ ބަލިމީހުން އޮޕަރޭޝަން ކޮށްފަ. އަނިޔާތައް މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ގޮވުމާ ކަމުން މީހުންގެ ގައިތެރޭގައި އެތި ކޮތަޅުތައް ހުރިއިރު ޝިކާރަވި މީހުންގެ މުޅި ހަށިގަނޑުގައި އަނދާފައިހުރި ޒަހަމްތައް ހުރި". އޭނާ ބުނެފައިވެއެވެ.

އޮފިޝަލުން ބުނާ ގޮތުން މިހަމަލާ އަކީވެސް ޖާނުންފިދާވުމުގެ ހަމަލާ އެކެވެ.