އިންޑިއާގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ވަރިކުރުމުގެ އުސޫލެއްގެ ތެރެއިން ޖެހިޖެހިގެން 3 މަހު ވަރިކުރަން ފިރިމީހާ ނޯޓިސް ފޮނުވުމުން އަންހެނަކު ކޯޓުގައި އެކަމަށް ޗެލެންޖް ކޮށްފިއެވެ.

އިންޑިއާގައި މުސްލިމުން ވަރިކުރުން ގަބޫލު ކުރާ ހަމަ ތަކުގެ ތެރެއިން ތަލާގް-އޭ–ހަސަން (ޖައްސަޖައްސައިގެން 3 މަހު، މަހަކު އެއް ފަހަރު ވަރިކުރުން)ގެ މައްސަލައެއްގައި ކޯޓުގައި ޗެލެންޖް ކުރި އަންހެން މީހާ ބުނީ، އެއީ އިސްލާމީ އުސޫލުތަކާއި އަންހެނުންގެ ހައްގުތަކާއި އަދި ބައިނަލްއަގުވާމީ ހަމަތަކާވެސް ހިލާފު ކަމެއް ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި އިންޑިއާގެ ސްޕްރީމް ކޯޓުން ބުނީ، ޖެހިޖެހިގެން 3 މަހު އަނބިމީހާ ވަރިކުރުމުގެ ހައްގު ފިރިމީހާއަށް އޮންނަ ކަމަށާއި ހަމަ އެފަދައިންފިރިމީހާގެ ކިބައިގެން ވަރިއަށް އެދުމުގެ ހައްގު އަނބިމީހައަށްވެސް އޮންނަ ކަމަށެވެ.

ކޯޓުގައި މި މައްސަލައިގައި ޗެލެންޖް ކުރި އަންހެން މީހާ ބުނެފައި ވަނީ އޭނާގެ ފިރިމީހާ ޖެހިޖެހިގެން 3 މަހު، މަހަކު އެއް ފަހަރު އޭނާ ވަރިކޮށް ކައިވެނި ރުޖޫއަ ކުރަނީ ކޮންމެ ކައިވެންޏަކާއެކު އަނބިމީހާގެ ފަރާތުން ނުވަތަ އާއިލާއިން، ފިރިމީހާއަށް ލިބޭ މުދަލާއި ފައިސާ ހޯދުމަށް ކަމަށާއި، އެކަމުގައި އޭނާގެ ފިރިމީހާގެ އާއިލާއިންވެސް އޭނާއަށް ގޯނާ ކުރާ ކަމަށެވެ.

ނަމަވެސް ކޯޓުގެ ސްޑޭންޑަކީ، އެ ވަރިއަކީ ގާނޫނީގޮތުން ހުއްދަ ވަރިއެއް ކަމުގައި އޮންނަ އޮތުމުގެ މަތީގައި ދެމިތިބުމެވެ.

އިންޑިއާގެ މުސްލިމުންގެ މެދުގައި 3 ބާވަތެއްގެ ވަރި އޮވެއެވެ. އެއީ ތަލާގް-އޭ-ހަސަން (ޖައްސަޖައްސައިގެން 3 މަހު، މަހަކު އެއް ފަހަރު ވަރިކުރުން) އާއި ތަލާގް-އޭ-އަހްސަން (އަންހެން މީހާ އިއްދައިގައި ވަރިކުރުން) އާއި ތަލާގް-އޭ-ބިއްދަތް (އެއް ފަހަރުން 3 ފަށް ވަރިން ވަރިކުރުން) އެވެ. މީގެ ތެރެއިން އެއް ފަހަރުން 3 ފަށް ވަރިން ވަރިކުރުމަކީ އިންޑިއާގައިވެސް ހިތްވަރުދޭ ކަމެއް ނޫނެވެ. މިގޮތަށް އެއް ފަހަރުން 3 ފަށް ވަރިން ވަރި ކޮށްފި ނަމަ، ރުޖޫއަ ކުރުމުގެ ފުރުސަތު ގެއްލި ދެމީހުންގެ ކައިވެނި ނިމުމަކަށް އާދެއެވެ.

އެހެން ކަމުން މިމައްސަލަ ނިމިފައި ވަނީ ކޯޓުގައި ޗެލެންގް ކުރި އަންހެން މީހާއާ ދެކޮޅަށެވެ.