ރައްކާތެރި ގޮތުގައި ކުނިމެނޭޖް ކުރުމަށް، މާލޭގެ ގޭބީސީތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމަށް "ކުނިން ނަފާ" ނަމުގައި ތަމްރީން ޕްރޮގުރާމެއް ފަށައިފިއެވެ.

އެމްވާރަމަންޓް މިނިސްޓްރީން ބުނީ، މިއީ މާލެސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް ހާއްސަކޮށްގެން މިނިސްޓްރީއާއި ވެމްކޯ ގުޅިގެން ހިންގާ ތަމްރީން ޕްރޮގުރާމެއް ކަމަށެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިނިސްޓްރީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މިކަން ފައްޓަވާ ދެއްވީ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހުއާއި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރު ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މިދެބޭފުޅުންގެ ވާހަކަގައި، ރައްކާތެރި ގޮތުގައި ކުނިމެނޭޖް ކުރުމަށް މާލޭގެ ގޭބީސީތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނެ އެއްފަރާތަކީ މާލޭސިޓީގެ ޑަބްލިއުޑީސީ ކަން ފާހަގަކުރެއްވިއެވެ. މިއަދު މިފެށުނީ ވަރަށް މުހިންމު ޕްރޮގްރާމެއްކަން ފާހަގަކުރައްވާ "ވޭސްޓަކީ ވޭސްޓުނޫން" ކަމަށާއި އެއީ ނަފާއާއި މަންފާ ހޯދިދާނެ މުހިއްމު ވަސީލެއްތަކެއްކަން މިއަދު މުޖުމައު ޤަބޫލުކުރަން އެބަޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީން ބުނީ، މާލޭސިޓީގެ ޑަބްލިއުޑީސީ މެންބަރުންނަށް ހާއްސަ ކޮށްގެން ހިންގޭ ތަމްރީން ޕްރޮގްރާމުން ތަމްރީން ލިބޭ މެންބަރުން އެމެންބަރުންގެ ދާއިރާތަކުގައި މިފަދަ ތަމްރީން ޕްރޮގްރާމްތައް ހިންގާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކަމާއިބެހޭ އަމަލީ މަސައްކަތްތައް މާލޭގެ ގޭބީސީތަކުގައި ވެސް މިއަންނަ މަހު ކުރީކޮޅު ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަހަރު ޖޫންމަހު އެއްވަނަދުވަހު ސަރުކާރުން ތަންފީޒް ކުރަން ފެއްޓެވި ކުނިމެނޭޖްކުރުމުގެ އާ ސިޔާސަތުގެ ތެރެއިން ކުނި ބައިބައި ކޮށްގެން ނެރެ އުކާލުމުގެ މަސައްކަތްތަކަށް މާލޭގެ ގޭބީސީތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ވަރަށް އެދެވޭ ބޮޑުތަރުހީބެއް ލިބެމުންދާކަން މިނިސްޓްރީން ފާހަގަކުރިއެވެ. އަދި މިކަމުގައި މެވްކޯގެ ހީވާގި މުރާލި މުވައްޒަފުން ކުރަމުންދާ ބުރަމަސައްކަތްތަކަކީ ކުނިމެނޭޖްކުރުމުގެ އާ ސިޔާސަތުގެ ކާމިޔާބުވުމަށްޓަކައި އެންމެ މުހިއްމު މަސައްކަތްތަށްކަން ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، ހެޔޮގޮތުގައި އަދި ނަފާހުރި ގޮތުގައި ކުނިމެނޭޖްކުރުމަކީ މިސަރުކާރުން އެންމެ އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މިކަމަކީ ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮ ސިއްޙަތަށާއި ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި އެންމެ ފައިދާ ކުރަނިވި ކަމެއް ކަމަށާއި މިކަމަށްޓަކައި ސަރުކާރުން ހިންގަވާ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އެއްސަރަހައްދެގައި ދިރިއުޅޭ މާލެ ސަރަހައްދުގެ ކުނިމެނޭޖް ކުރުމުގެ 300 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ފަށާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިމަޝްރޫއުގެ ތެރެއިން، އެންމެ ފުރިހަމަގޮތުގައި ކުނިމެނޭޖްކުރުމާއި، އެންމެ ފައިދާހުރިގޮތުގައި ކުނިން ނަފާއާއި މަންފާ ހޯދުމުގެ ޒަމާނީ އެންމެފަހުގެ ވަސީލަތްތައް ގާއިމުކުރެވި އިންގިލާބީ ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.