އިއްޔެ މާލޭގެ މަގުމަތީގައި ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮއްވާ ފޭރުނު ރަން ފަށް ހޯދައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކޮށްފައިވަނީ ސައިކަލު ދުއްވަންއިން ކަމަށް ތުހުމަތު ކުރެވޭ މީހާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ފޭރުނު ފަށް މިހާރު ހޯދާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފޭރިގެންފައިވާ ރަން ފަށް އަތުލައިގެންފައި ވަނީ ރަން ހަދާ ތަނަކަށް ވިއްކާލާފައި ވަނިކޮށް ފުލުހުންގޮސް ކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ދިލްބަހާރު މަގުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައިވާ އޮތް ފަށެއް ފޭރޭ ވީޑިއޯއެއް ސޯސަލް މީޑިއާގައި ދައުރުވެފައިވާއިރު އެ ވީޑިއޯއިން ފެންނަ ގޮތުގައި ފޭރިގަންފައި ވަނީ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެކެވެ.

ދެމީހަކު އަރާ ތިބެ އެ މަގުން ބާރަށް ދުއްވާފައި އައި އޮރެންޖު ކުލައިގެ ސައިކަލު އަންހެން މީހާއާ ހަމަވުމުން ކުޑަކޮށް މަޑުކޮށްލުމަށް ފަހު ސައިކަލު ފަހަތުގައި ކަޅު ކުލައިގެ ގަމީހެއް ލައިގެން އިން ދިވެހި ފިރިހެން މީހާ އެ އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރި ގަންނަ މަންޒަރު އެ ވީޑިއޯއިންް ރީއްޗަށް ފެނެއެވެ. އަދި އެ ފަށް ފޭރިގަތުމަށް ފަހު އެ މީހާ ހީލާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އެ ސައިކަލު ދުއްވަން އިނީ ނޫ ކުލައިގެ ޓީޝާޓެއް ލައިގެން އިން ދިވެއްސެކެވެ.