ތާއީދުކުރައްވަނީ ރައްޔިތުންގެ ވޯޓުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮވަން ކަމަށް އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައި ވަނީ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.
ޝާހިދު ވިދާޅުވީ އޭނާ ތާއީދުކުރައްވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެވެރިޔާ ހޮވުމަށް ކަމަށާއި ގާނޫނު ހެދުމުގެ ބާރާއި ސަރުކާރު ޒިންމާދާރުކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް ކަމަށެވެ. އެއީ ރިޔާސީ ނިޒާމެވެ.
މީގެ އިތުރުން އަދުލު އިންސާފު ގާއިމްކުރުން ފަނޑިޔާރު ގޭގައި އޮތުމަށާއި ގާނޫނަށް ބޯލެނބުމުގެ ސިފަ ވެރިންގެ ކިބައިގައި ހުރުމަށް ތާއިދުކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރައްވާ އިރު، އެކަމާ ގިނަ ބަޔަކު ވަނީ ދެކޮޅު ހައްދަވާފައެވެ. އޭގެތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި، އަދާލާތު ޕާތީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހިމެނިވަޑައިގަންނަވައެވެ.
މީގެ ކުރިން ވެސް ރައީސް ސޯލިހް ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަން ހާމަކުރެއްވައި ކޯލިޝަނާ އެކު ދެވަނަ ދައުރެއްގައި ނިކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ސީދާ ރައްޔިތުންގެ ވޯޓަކުން މެނުވީ ގެނެވޭނެ ބަދަލެއް ނޫން ކަމަށް ވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.