ރާއްޖެއަށް އައި ފްލައިޓަކުން ގެނައި ކޮންޓެއިނަރުތަކެއް ބާލަން އުޅެނިކޮށް ހިނގި ހާދިސާއެއްގައި އެމްއޭސީއެލްގެ މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.

އެމްއޭސީއެލުން ބުނީ، އެ ކުންފުނީގެ މުވައްޒަފަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މުވައްޒަފަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމަ ނުކުރި ނަމަވެސް އެ މުވައްޒަފުގެ ފުރާނައަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ނުލިބޭ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

ކޮންޓެއިނަރު ވެއްޓެން ދިމާވި ސަބަބު ދެނެގަތުމަށް މިހާރު މަސައްކަތް ކުރަމުން ދާ ކަމަށާއި އިތުރު ތަފްސީލް ހާމަކުރެވޭނީ އެ މައްސަަލަ ބަލައި ނިމުމުން ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

މި ކޮންޓެއިނަރު ވެއްޓިފައި ވަނީ، ދުބާއީން މިއަދު ހެނދުނު ރާއްޖެ އައި އީކޭ ފްލައިޓުން ކާގޯ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާލަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.