ރާއްޖެއަށް ދިން ކަހަލަ ޑޯނިއާ 228 މަރުކާގެ ބޯޓެއް އިންޑިއާއިން ލަންކާއަށްވެސް ދީފިއެވެ. މިއަދު ބަންޑާރަނައިކަ އެއާޕޯޓުގައި އޮތް ރަސްމިއްޔާތެއްގައި ބޯޓު ލަންކާއާ ހަވާލު ކޮށްދެއްވީ އިންޑިއާއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވަ ހައިކޮމީޝަނަރު ގޯޕާލް ބާގްލޭ އެވެ. ލަންކާ ސަރުކާރުގެ ފަރާތުން ބޯޓާ ހަވާލުވެވަޑައިގަތީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގްހަ އެވެ.

މި ބޯޓަކީ، ލަންކާގެ އެއާފޯސްގައި ބޭނުން ކުރާނެ ބޯޓެއް ކަމަށާއި ބޯޓުގެ މައިގަނޑު އަމާޒަކީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ކަމަށް ލަންކާގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އިންޑިއާއަކީ ލަންކާއަށް އެހީ ފޯރުކޮށްދޭ ބޭރުގެ ގައުމުތަކުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި އެހީ ފޯރުކޮށްދޭ އަދި އެންމެ ގިނަ އެހީ ފޯރުކޮށްދީފައި ވާ ގައުމެވެ.

ލަންކާގައި އިންޑިއާގެ މަސްހަލަތުތައްވެސް ގިނަ އިރު، އޭގެ ތެރެއިން އެންމެ ހައްސާސް މަސްލަހަތެއް އޮތް އެއްކަމަކީ ލަންކާގެ ތެލެވެ. ލަންކާއަށް އެތެރެ ކުރާ ތެލުގެ ވިޔަފާރި ހިންގާ މައިގަނޑު އެއް ކުންފުންޏަކީ، އިންޑިއާގެ އޮއިލް ކޮމްޕެނީއެވެ. މި ކުންފުނިން ލަންކާގައި ތެލުގެ ވިޔަފާރީގައި އުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މި ކުންފުނިން ލަންކާގައި މިހާތަނަށް ޕެޓްރޯލާއި ޑީސެލް ފޯރުކޮށްދޭ 202 ސްޓޭޝަން ވަނީ ހަދާފައެވެ. އަދި ތެލުގެ ބާވަތްތައް ވިއްކާ 235 ފިހާރަ ހުރެއެވެ. މި ކުންފުނީގެ މައިގަނޑު ކާރުހާނާތައް ހުންނަނީ ޓްރިންކޮމަލީގައެވެ. މި ކުންފުންޏާ ގުޅިގެން ލަންކާގެ ޕެޓްރޯލިއަމް ކުންފުނިންވެސް ވިޔަފާރި ކުރެއެވެ. އެ ކުންފުންޏަކީ ލަންކާ ސަރުކާރުގެ ކުންފުންޏެވެ.

އިންޑިއާއިން ލަންކާއަށް ޑޯނިއާއެއް މި ހަދިޔާ ކުރީ މާދަމާ އެގައުމަށް ޗައިނާގެ ޖާސޫސީ މަނަވަރު ބަނދަރުކުރަން ވެފައި އޮއްވައެވެ. އެ މަނަވަރު މާދަމާ ލަންކާގައި ޗައިނާއިން ހިންގާ ހަމްބަންޓޯޓާ ބަނދަރަށް ވަންނާނެއެވެ. މި ބޯޓު އެއް ހަފްތާއަށް ލަންކާގައި މަޑުކުރާ އިރު، ދަތުރުގެ ތަފްސީލުތަކެއް ނުލިބެއެވެ. ހަމަ ވިމަވުތު ޕަކިސްތާނުގެ މަނަވަރެއްވެސް ލަންކާގައި އެބަ އޮތެވެ. އެ މަނަވަރަކީ، ލަންކާގެ ކޯސްތްގާޑާ ގުޅިގެން ހިންގާ އަސްކަރީ ހަރަކާތަކަށް ގޮސްފައި އޮތް މަނަވަރެކެވެ.

ރާއްޖެއާ ހިލާފަށް ލަންކާއަށް އިންޑިއާއިން ހަދިޔާ ކުރި ޑޯނިއާ ދުއްވާނީ ލަންކާގެ އެއާފޯހުގެ ޕައިލެޓުން ކަމަށްވެސް ބައެއް ހަބަރުތައް ބުނެއެވެ.