އިގްިސޯދީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓުނު ސްރީލަންކާއަށް ތެޔޮ ލިބެން ފަށައިފި ކަމަށާއި، އެއާއެކު ލަންކާގައި ހުންނަ ތެޔޮ ރިފައިނަރީގެ މަސައްކަތް އަލުން ފަށަން ތައްޔާރުވެއްޖެއެވެ.

ކޮވިޑާއެކު ލަންކާއިން ބޯޑަރުތައް ބަންދުކޮށް އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު ކުރިމަތިވަމުން އައި އިގުތިސޯދީ ދަތިކަން، ދަނޑުހައްދަން ބޭނުންވާ ފާޓިލައިޒާ ނުލިބި އިތުރަށް ގޯސްވެގެން ދިޔައެވެ. އެ ދަނޑިވަޅުގައި ޔޫކްރައިން – ރަޝިއާ ހަނގުރާމައާ އެކު، އިންޑިއާއަށް ދިމާވި ތެލުގެ ދަތިކަމާއެކު، ލަންކާއަށް ތެޔޮ ލިބުމުގައިވެސް ދަތިވެގެން ދިޔައެވެ. ލަންކާގެ އޮއިލް ކޯޕަރޭޝަނަކީ، އިންޑިއާގެ ތެޔޮ ކުންފުނި، އިންޑިއަން އޮއިލް ކޯޕަރޭޝަންގެ ސަބްސިޑިއަރީއެއް ކަމުން، ލަންކާއަށް ފޯރުކޮށްދޭ ތެލުގެ ބޮޑު ބޮޑު ޕަސެންޓެންގެ ކޮންޓްރޯލް ހިނގަނީ އިންޑިއާގެ ކުންފުނީގެ ދަށުންނެވެ.

އިންޑިއާ ކުންފުނިން ލަންކާއަށް ތެޔޮ ފޯރުކޮށް ދިނުމުގައި ހިފެހެއްޓުންތައް ގެންގުޅެން ފެށުމާއެކު، ލަންކާ ތެލަށް ޖެހި، ކާޑާއި ބޭސް ލިބުންވެސް ދަތިވެ ލަންކާ ހުއްޓުމަކަށް އައެވެ. އެ ނުތަނަވަސްކަމުގައި، ރައްޔިތުންގެ ރުޅިވެރިކަން ކޮޅުންލައި ސިލްސިލާ މުޒާހަރާތައް ކޮށް، ލަންކާގެ ވެރިކަން ބަދަލުކޮށް މިހާރު ވަނީ އާންމު ހާލަތު ހަމަޔަކަށް އެޅެން ފަށާފައެވެ.

ލަންކާގެ ހަބަރުތައް ބުނާގޮތުން، ހުސްވި ޖުލައި މަހު އިންޑިއާއިން ލިބުނު 38 ހާސް މެޓްރިކްޓަނުގެ ޑީސަލާއި، މި ފެށެ ހަފްތާގައި ލިބޭ ގޮތަށް އޮތް 30 ހާސް މެޓްރިކްޓަނުގެ ޑީސަލާއެކު ލަންކާގެ ތެލުގެ އޮޕަރޭޝަންތައް ރަނގަޅަށް ފެށޭނެއެވެ. އެއާއެކު ލަންކާގެ ސަޕުގަސްގަނޑާގައި ހުންނަ އޮއިލް ރިފައިނަރީގެ މަސައްކަތް ފަށާނެ ކަމަށާއި ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި 100 މެޓްރިކްޓަނުގެ ތެޔޮ ލިބޭނެ ކަމަށް ލަންކާގެ ޕެޓްރޯލް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ލަންކާގެ އިގުތިސޯދީ ހާލަތު ދަށަށް ގޮސްފައި ވާ އިރު، މިއަހަރުގެ އޭޕްރީލްގައި ދައްކަން ޖެހޭ ބޭރުގެ ދަރަނި ވަނީ 7 ބިލިއަން ޑޮލަރަށް އަރާފައެވެ. އަދި 2026 ނިމޭއިރު 25 ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.