ތޯލިބާނުން އަފްގާނިސްތާނުގެ ވެރިކަން އަތުލިފަހުން، އެގައުމުގެ އަންހެނުން ހައްގުތައް ހޯދަން ކުރި ފުރަތަމަ މުޒާހަރާ އިއްޔެ ކޮށްފިއެވެ.

ބިރުން ތިބެ ނަމަވެސް އިއްޔެގެ މުޒާހަރާގައި 40 އަކަށް އަންހެނުން ބައިވެރިވި ކަމަށާއި، އެމީހުން ގޮވަމުން ދިޔައީ، އަންހެނުންނަށްވެސް ވަޒީފާ އަދާ ކުރެވޭނެ މާހައުލެއް ގާއިމު ކޮށްދިނުމަށާއި، ތައުލީމީ ފުރުސަތުތައް ހަމަހަމަ ކަމާއެކު ދިނުމަށާއި، ކާނެ ޕާން ލިބޭނެ ގޮތް ހަދައިދިނުމަށެވެ.

ތޯލިބާނުގެ އަންހެން ވެރިން މިއަދުގެ ތާރީހު (އޮަގަސްޓް 15) ފާހަގަ ކުރަނީ ކަޅު ދުވަހުގެ ގޮތުގައެވެ. އޮގަސްޓް 15 އަކީ، 2021 ވަނަ އަހަރު ތޯލިބާނުން އަފްގާން ހިފާ ވެރިކަން ބަދަލު ކުރި ދުވަހެވެ.

މުޒަހާރާގެ ބައިވެރިންނާ ހަވާލާދީ ބީބީސީން ބުނެފައި ވަނީ، ކުރިއާ ހިލާފަށް ތޯލިބާނުން އާންމުންނަށް އަނިޔާ ކުރުމުގެ ބަދަލުގައި މިހާރު ބޭނުން ކުރާ އުކުޅުތަކަކީ ވައިގެ ތެރެއަށް ބަޑިޖެހުން ފަދަ ތަފާތު ކަންކަން ކަމަށެވެ.

ތޯލިބާނުން ވެރިކަމާ ހަވާލުވެ އަޅަން ފެށި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި އަންހެން ވެރިން މޫނު ބުރުގާ އެޅުން މަޖުބޫރު ކުރުވުމާއި، ފިރިހެނެއް ނުވަތަ ބެލެނިވެރިއަކާ ނުލައި އަންހެނަކަށް 70 ކިލޯމީޓަރެއް ވުރެ ދުރަށް ދިޔުން މަނާކުރުން ފަދަ ކަންކަން ހިމެނެއެވެ. އަދި މޫނުބުރުގާ އަޅަން އަންހެނަކު ދެކޮޅު ހަދާނަމަ، އޭނާގެ ފިރިމީހަ ނުވަތަ ބަލަދުވެރިޔާ 3 ދުވަހަށް ޖަލަށް ލުން ފަދަ ކަންކަން ވަނީ އުސޫލެއްގެ ގޮތުގައި އާންމުކޮށްފައެވެ.

އަފްގާނިސްތާނަކީ، ދީނީ ހަރުކަށި އުސޫލުތައް ޕްރޮމޯޓު ކުރާ ގައުމެއް ކަމަށާއި، ސެކަންޑަރީ ތައުލީމުން އަންހެން ވެރިން މަހުރޫމު ކުރުވާފައި ވާ ދުނިޔޭގެ ހަމައެކަނި ގައުމު ކަމަށްވެސް ހަބަރުތައް ބުނެއެވެ.