ބަރަހަނާ ވީޑިއޯތައް މި ދުވަސްވަރު އާންމުކުރަމުން ދާތީ އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތަކެއް ފެންނަ ވީޑިއޯތަކެއް ދައުރުވަމުންދާ މި ދަނޑިވަޅުގައި އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި އެޗްއާރުސީއެމުން ބުނީ:
- ބަރަހަނާ ވީޑިއޯތައް އާންމުކުރުމަކީ ޖިނާއީ ކުށެއް ކަމަށް
- އެފަދަ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު އާންމުކުރުމަކީ އެ މީހުންގެ އަބުރަށް އަރައިގަތުން ކަމަށް
އެޗްއާރުސީއެމުން ބުނި ގޮތުގައި، އެފަދަ އަމަލުތަކުގެ ސަބަބުން އަދުލު އިންސާފު ގާއިމް ކުރުމުގައި ހުރަސްތަކާ ކުރިމަތިވެ، އާއިލާތަކާއި މުޖުތަމައުގެ ތެރޭގައި ހަމަނުޖެހުން އުފެދި އާއިލާތައް ރޫޅި ދިއުމުގެ ބިރު ވަރަށް ބޮޑަށް އެބައޮތެވެ.
"މިފަދަ ވީޑިއޯތައް އާންމުކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ ކުޑަކުދިން ވެސް ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމްތަކެއް ކަމަށް ވުމުން، އުމުރާ އެކަށީގެންނުވާ، އަދި ފާހިޝް އަމަލުތައް ދައްކުވައިދޭ މަންޒަރުތަކަށް ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތައް ދަނީ ހުށަހެޅެމުން."
އެހެންކަމުން، ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކުގެ ސަބަބުން ރައްކާތެރިކަމާއެކު ކުޑަކުދިން ހެދިބޮޑުވުމަށް ހުރަސްއެޅިގެން ދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ވުމާއެކު، އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ވީޑިއޯއެއް ނުވަތަ މައުލޫމާތެއް ލިބިފައިވާނަމަ، ކަމާބެހޭ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށް، މައްސަލަތައް ތަހްގީގު ކުރުމަށާއި، އަދުލު އިންސާފު ގާއިމްކުރުމަށް އޮންނަ ނިޒާމުގެ ތެރެއިން އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ވީޑިއޯތައް ދައުރުކުރާތީ ކަންބޮޑުވުން ފާޅުކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ބަރަހަނާ މަންޒަރުތައް އެކި ޕްލެޓްފޯމްތަކުގައި ފަތުރާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދުކުރަން ޖެހޭ ކަމަށެވެ.
އަލަމްގިރި އާ އެކު ގިނަބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އެ ވީޑިއޯތަކުން ފެންނަ ބައެއް މީހުންނަކީ ސަރުކާރުގައި މަސައްކަތްކުރާ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ވަޒީފާތަކުން ސަސްޕެންޑުކޮށް ވަނީ ވަކިކޮށްފައެވެ.