ރަޝިއާގެ ބާރުގެ ދަށުގައި އޮންނަ ކްރިމިއާގެ އެއާބޭސްއެއްގައި ބާރުގަދަ ގޮވުމެއް ގޮވައި، ރަޝިއާގެ ހަނގުރާމަ މަތީ ބޯޓުގެ 7 ބޯޓު ފުނޑުފުނޑުވެއްޖެއެވެ.

ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަނގުރާމަ ކުރަމުން ދާ އިރު ކްރިމިއާ އަކީ، އެ ހަނގުރާމައިގައި ރަޝިއާއިން ބޭނުން ކުރާ މުހިންމު އެއް މަރުކަޒެވެ. ހަބަރުތައް ބުނާ ގޮތުން، ބާރުގަދަ ގޮވުމުގެ މިހާދިސާ އަކީ ޔޫކްރައިންގެ އަމަލެއް ނޫން ކަމަށް އެގައުމުން ވަނީ ބުނެފައެވެ. ކްރިމިއާ އަކީ މިހާރު ރަޝިއާގެ އަސްކަރީ ބާރުތައް ރުކުރުވާލައިގެން ތިބި ސަރަހައްދާ 225 ކިލޯމީޓަރު ފަހަތުގައި ރަޝިއާގެ ބާރުގެ ދަށުގައި އޮތް ތަނަކަށް ވާއިރު އެތަނަށް ޔޫކްރައިނުން ހަމަލާއެއް ދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ.

މި ހާދިސާއާ ގުޅިގެން ރަޝިއާއިން ބުނެފައި ވަނީ، އެ ގޮވުމަކީ އަސްކަރީ މަތިންދާބޯޓުތަކުގައި ބޭނުން ކުރާ ގޮވާ ޒާތުގެ އެއްޗަކުން ހިނގިކަމެކެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ހަބަރުފަތުރާ ބައެއް އިދާރާތަކުން ބުނެފައި ވާގޮތުން، ގޮވި ކަމަށް ބެލެވެނީ، އަސްކަރީ ބޯޓުތަކަށް އަރުވާފައި ހުރި ބޮންތަކެކެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ބާރު ގޮވުންތަކާއެކު، މާ ސިންގާ 3 ވަޅުގަނޑު ވަނީ ހެދިފައެވެ. އަދި އެ ގޮވުން ގޮވާފައި ވަނީ ބަރިބަރިއަށް އެކަތި ފަހަތުން އަނެކަތި ގޮވާ ގޮތަށް ކަމަށާއި ރަންވޭ މަތީގައި އޮތް 7 ބޯޓު އެއްކޮށް ފުނޑުފުނޑު ވެފަައި ވާ ކަމަށެވެ.

ކްރިމިއާގެ ވައިގެބަނދަރުގައި އޮތް ބޯޓުތައް ގޮވުމުގެ ސަބަބުން މުޅި ސަރަހައްދު އަނދާ ހުލިވެފައި --- ސެޓެލައިޓް ފޮޓޯ

މުރާސިލުން ބުނާ ގޮތުން، ރަޝިއާއިން ބޭނުން ކުރާ އަސްކަރީ ބޯޓުތަކަކީ، ހުޅަނގުން ބޭނުން ކުރާ ބޯޓުތަކަށް ވުރެ ސަލާމަތީ ގޮތުން ރައްކާތެރިކަން ކުޑަ އެފަދަ ހާދިސާއެއް ހިނގުމާ ގާތް ނާޒުކު ބޯޓުތަކެކެވެ. އެއީ އެ އުޅަނދުތަކުގައި ބޭނުން ކޮށްފައި ހުންނަ ޓެކްނޮލޮޖީ މުސްކުޅި ކަމުން ކަމަށްވެސް މުރާސިލުން ބުނެއެވެ.

ބާރުގަދަ ގޮވުމާއެކު ހިނގި މިހާދިސާގައި އެކަކު މަރުވެފައި ވާއިރު މިއީ 2 ވަނަ ބޮޑުހަނގުރާމައަށް ފަހު އެއް ދުވަހެއްގައި ރަޝީއާގެ އެންމެ ގިނަ އަސްކަރީ މަތިންދާބޯޓު ގޮވި ދުވަސް ކަމަށްވެސް ހަބަރުތައް ބުނެއެވެ.