ޓެކްނޯލޮޖީ ލިބުމުގައި ސަރަހައްދީގޮތުން ހުރި ފަރަގު ވީހާވެސް ކުޑަކުރުމުގެ މުހިންމު ކަމަށް އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ، މިނިސްޓްރީއާއި ޔޫއެން ޑީއީއެސްއޭގެ ޑީޕީއައިޑީޖީ، އެމްއެމްއޭ އަދި ޔޫއެންއީއެސްސީއޭޕީ އިން އިންތިޒާމް ކޮށްގެން "ރެގިއުލޭޓަރީ ސޭންޑްބޮކްސް އޮން ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ" ގެ ނަމުގައި ގައުމީ ފެންވަރުގެ ބާއްވާ މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ޝައުނާގެ ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީގައި ގެނައުމަށްޓަކައި، ފްރޮންޓިއާ ޓެކްނޮލޮޖީގެ އާ ޖީލުގެ ސިފަތަކާއި އަދި ދައުރު މިއަދު އަޅުގަނޑުމެންނަށް ދޫކޮށްލެވޭކަށް ނެތް ކަމަށެވެ.

ކާރިސާއަކަށް ފަހު ކާރިސާއެއްގެ ގޮންޖެހުންތައް ގައުމުތަކުގެ ސަރުކާރުތަކަށް ކުރިމަތިވަމުންދާއިރު، މިފަދަ ޓެކްނޯލޮޖީތައް ދިރާސާކޮށް އޭގެ ބޭނުން އެންމެ ފުރިހަމަގޮތެއްގައި ހިފަންވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

އަދި މި ފަދަ ޓެކްޏޯލޮޖީތައް ބޭނުންކޮށްގެން އުޖާލާ އިގްތިސާދެއް ބިނާކުރާއިރު، ޓެކްނޯލޮޖީއަށް ހިއްވަރުދޭ، ބޭނުންކުރާފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި، ގާނޫނީ އަދި ރެގިއުލޭޓްކުރުމަށް ހުރި ހިރާސްތަކާއި ގޮންޖެހުންތައް ދެނެގަނެ ފިޔަވަޅު އެޅުމުގެ މުހިންމު ކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ، މި ފަދަ ޓެކްނޯލޮޖީ ތައާރަފްކުރާއިރު، ހަމަހަމަ ކަމާއެކު ފުރުސަތު ދިނުމާއި، ޑިޖިޓަލް ޑިވައިޑް ނުވަތަ ޓެކްނޯލޮޖީ ލިބުމުގައި ސަރަހައްދީގޮތުން ހުރި ފަރަގު ވީހާ ވެސް ކުޑަކުރުމުގެ މުހިންމު ކަމަށެވެ.

އަދި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި "ފިންޓެކް" ކުރިއެރުވުމަށް މަގުފަހިކުރުމަށް، ޑިޖިޓަލް ފައިސާއެއް ބޭނުންކުރަން ފެށުމަށްޓަކައި ބޭނުންވާ ބިންގާ އެޅުމަށް، ކަމާއި ގުޅުންހުރި މުވައްސަސާތަކުގެ ގާބިލްކަން، މި ޕްރޮޖެކްޓްގެ ތެރެއިން އިތުރުކުރުން ކަމަށް ޝައުނާ ވިދާޅުވިއެވެ.

"ފްރޮންޓިއަރ ޓެކްނޯލޮޖީ" އަކީ އާޓިފިޝަލް އިންޓެލިޖެންސް، އިންޓަރނެޓް އޮފް ތިންގްސް، އޮގްމެންޓެޑް/ވަރޗުއަލް ރިއަލިޓީ، ރޮބޮޓިކްސް، އޮޓޮނޮމަސް ވެހިކަލްސް، ސްޕޭސް، ޑިޖިޓަލް ފައިސާ އަދި ޖެނޯމިކްސް ފަދަ ޓެކްނޯލޮޖިކަލް ގާބިލުކަމާއި އެޑޮޕްޝަންގެ ބައުންޑަރީތަކަށް ބާރުއަޅާ އިންޑަސްޓްރީތައް ސިފަކުރުމަށް ބޭނުންކުރާ އިބާރާތެކެވެ.

މިފަދަ ޓެކްނޮލޮޖީގެ ސަބަބުން އިޤްތިސާދީ ސިނާއަތްތަކާއި، މުވާސަލާތީ ގުޅުންތައް އަލުން ބައްޓަންވެ، މޫސުމަށް އަންނަ ބަދަލުތައް ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބިގެންދާނެއެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ހޮޓެލް ޖެންގައި ބާއްވާ 2 ދުވަހުގެ ބައްދަލުވުމުގައި، ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކުން 25 މުވައްޒަފުން ބައިވެރިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިގޮތުން، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިމެނެއެވެ. އަދި އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ހިންގާ ޑިޖިޓަލް ސިސްޓަމްތަކުގެ ޚިދުމަތްދޭ ދިވެހި ވިޔަފާރިތަކުން ބައިވެރިން ހިމެނެއެވެ.