ވާލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިން ރިނިއުވަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނާޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން 40 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ރާއްޖޭގެ 11 އަތޮޅެއްގެ ކަނޑައެޅިފައިވާ ރަށްތަކެއްގައި ގާއިމުކުރުމަށް ބީލަމަށް ހުޅުވާލާއިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، މި މަސައްކަތަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމަށް ބީލަން މަރުހަލާއެއް 2022 ގެ ޖުލައި މަސްތެރޭގައި ކުރިއަށް ގެންގޮސްފައި ވީނަމަވެސް، އެދެވޭ ނަތީޖާއެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ޕްރީކޮލިފިކޭޝަން ކެންސަލްކޮށް އަލުން ބީލަމަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެރައިސް މަޝްރޫއުގެ ދަށުން ބެޓަރީ ނިޒާމު ގާއިމުކުރެވޭ ރަށްތަކަކީ:

  • އައްޑޫ ސިޓީ
  • ފުވައްމުލައް ސިޓީ
  • ކުޅުދުއްފުށި ސިޓީ
  • ގދ. ތިނަދޫ
  • ގއ. ވިލިނގިލި
  • ބ. އޭދަފުށި
  • ޅ. ހިންނަވަރު
  • ޅ. ނައިފަރު
  • ދ. ކުޑަހުވަދޫ
  • ށ. ފުނަދޫ
  • ލ. އަތޮޅުގެ ބައެއް ރަށްތައް: ފޮނަދޫ، ގަން، ހިތަދޫ، މާމެންދޫ، ކުނަހަންދޫ، މާބައިދޫ، ދަބިދޫ، މާވަށް، އިސްދޫ އަދި ކަލައިދޫ

މިނިސްޓްރީން ބުނީ މި މަޝްރޫއަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 27 2022 ވާ ބުރާސްފަތި ދުވަހުގެ 1:00 ގެ ކުރީން ކަމަށެވެ.

އެރައިސް މަޝްރޫއުގެ ދަށުން 40 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ޖުމުލަ 30 ޕަސަންޓަށްވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، 2021 އިން ފެށިގެން 5 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫއިން 40 މެގޮވޮޓް އަވާ ގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމުގެ އިތުރުން 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްވެސް ރާވާފައިވާ ކަމަށެވެ.

އަދި ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވާ ކަމަށާއި އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށް ރާވައިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫއުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުން ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން ބުނީ، ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހަކަތައިގެ ދާއިރާއަށް ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ ކުރިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން 40 މިލިއަން ލިޓަރު ދަށްކުރުމާއި އަދި 2018 ގެ ނިސްބަތާއި އަޅާބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޭނުންކުރާ މިންވަރު 20 ޕަސަންޓު އިތުރު ކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.. މީގެ ގެއިތުރުން ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ގައުމަކަށް ހެދުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.