ޔޫކްރައިން އާއި ރަޝިއާ އާ ދެމެދު ހަނގުރާމަ ފެށިފަހުން ގުޅުން ގޯސްވެ، ރަޝިއާގެ ނިއުކްލިއާ އާލާތްތައް އިންސްޕެކްޓް ކުރަން ނުވަތަ ބަލާހެދުމަށް އެމެރިކާއަށް އޮންނަ ފުރުސަތު ރަޝިއާއިން ބަންދުކޮށްފިއެވެ.

ޔޫކްރައިން ހަނގުރާމައާ ހެދި އެމެރިކާ އާއި ރަޝިއާގެ ގުޅުން ގޯސްވެފައި ވާ އިރު، 2011 ވަނަ އަހަރު ދެގައުމުން އެއްބަސްވެފައި ވާ މުއާހަދާއެއްގެ ދަށުން އެއް ގައުމުން އަނެއް ގައުމުގެ ނިއުކްލިއާ އާލާތްތައް ބަލާހެދުމުގެ ފުރުސަތު އޮވެއެވެ. އަދި މި އެއްބސްވުމުގެ ދަށުން ދެގައުމަށްވެސް އުފައްދާ ބޭނުން ކުރެވޭނެ ދުރުރާސްތާ ނިއުކްލިއާ ވޯހެޑްގެ އަދަދުވެސް އޮންނަނީ 1550 ގައި ހިފަހައްޓާފައެވެ. އެއީ ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަން ބޮޑުވެ ނިއުކްލިއާ ހަނގުރާމައެއް ފެށުނަ ނުދިނުމަށް ދެގައުމުން އެއްބަސްވެފައި ވަ ގޮތެވެ.

މި އެއްބަސްވުމުގެ ދަށުން ދެގައުމުން، އެއް ގައުމު އަނެއް ގައުމުގެ ނިއުކްލިއާ އާލާތްތައް އިންސްޕެކްޓް ކުރެވޭ ގޮތަށް އޮތް ނަމަވެސް ޔޫކްރައިން ހަނގުރާމަ ފެށިފަހުން އެމެރިކާއިން ވަނީ ރަޝިއާއަށް އެ ފުރުސަތު ބަންދުކޮށްފައެވެ.

މިކަމާ ގުޅިގެން ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ، އެމެރިކާއިން މިކަމުގައި ނާޖާއިޒު ފައިދާ ނަގާ، ރަޝިއާގައި ހުންނަ ނިއުކްލިއާ އާލާތްތައް އިނިސްޕެކްޓް ކުރަން އުޅޭ އިރު، އެމެރިކާގައި ހުރި ނިއުކްލިއާ އާލާތްތައް އިންސްޕެކްޓް ކުރުމުގެ ފުރުސަތު ރަޝިއާއަށް ނުދޭ ކަމަށެވެ. އެހެން ކަމުން އެ މުއާހަދާގައި ބުނާ "މުއާހަދާގައި ނެތް ކަމެއް ދިމާވެއްޖެ ނަމަ" އޭ ބުނާ މާއްދާގެ ދަށުން އެފުރުސަރު އެމެރިކާއަށް ހިފަހައްޓާ ކަމަށެވެ.

ދެގައުމު އެއްބަސްވެފައި ވާ މި މުއާހަދާގެ މުއްދަތު 2026 ގައި ހަމަވާން އޮތް އިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން މިހާރު ވަނީ، ނިއުކްލިއާ އެއްބަސްވުމާ ބެހޭ އާ މުއާހަދާއެއް އެކުލަވާލަން އެމެރިކާއިން ތައްޔާރު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ކަމުގައި އަދި ރަޝިއާއިން އެއްޗެއް ބުނެފައެއް ނުވެއެވެ.