ފިިޝަރީޒް މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ރާއްޖޭގެ ކަނޑުގައި ގާނޫނާ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރު ގައުމުތަކުގެ އުޅަނދުފަހަރު ދެ މިލިއަން ރުފިޔާ އާއި 40 މިލިއަން ރުފިޔާ އާ ދެމެދު ޖޫރިމަނާކުރާ ގޮތަށް، ގަވައިދާ ހިލާފަށް ބޭރުގެ އުޅަނދުފަހަރުން ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވައިދު ތަސްދީގުކޮށްފިއެވެ.

މިއަދު ތަސްދީގުކުރުމަށް ފަހު ގެޒެޓުގައި ޝާއިއުކުރި އެ ގަވައިދުގައި، ގަވައިދާ ހިލާފަށް ރާއްޖޭގައި މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުފަހަރުގެ މައުލޫމާތު ހިއްސާކޮށް ރެކޯޑުކުރާނެ ގޮތާއި، އެ އުޅަނދުފަހަރުގެ މައުލޫމާތު ހިއްސާކުރާނެ ނިޒާމެއް ގާއިމްކުރާނެ ގޮތާއި އެކަންކަން ވިލަރެސްކުރާނެ ކޮމިޓީއެއް އެކުލަވައިލާނެ ގޮތްތައް ކަނޑައަޅާފައިވެއެވެ.

ހަމަ އެއާއެކު، ބޭރުގެ މަސް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދަށް ވަދެ، ހުރަސްކުރެވޭނީ މިނިސްޓްރީގެ ހުއްދަ އާއި އެކުގައި ކަމަށާއި، ހުއްދަ އާއި ނުލާ އެތެރެވާ އުޅަނދުފަހަރު ޗެކްކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާ ކަމަށް ވެސް އެ ގަވައިދުގައިވެއެވެ. އެ ގަވައިދުގައިވާ ގޮތުން، ބޭރުގެ އުޅަނދުފަހަރުން ހުއްދަ އަށް އެދޭ ނަމަ:

  • ހަތަރު ދުވަސް ކުރިން އުޅަނދުގެ ފަރާތުން މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ
  • ހުއްދަ އަށް އެދި ހުށަހަޅަން ޖެހޭނީ "ރިކުއެސްޓް ބައި ފިޝިން ވެސެލްސް ޓު ކްރޮސް އޯ އެންޓާ މެރިޓައިމް ޒޯންސް އޮފް މޯލްޑިވްސް" ފޯމު މެދުވެރިކޮށް
  • ފޯމު ފުރިހަމަކުރުމަށް ފަހު އުޅަނދުފަހަރާ ބެހޭ ހުރިހާ މައުލޫމާތެއް ފޯމާ އެކު ހުށަހަޅަން ޖެހޭ

ހުއްދަ އަށް އެދޭ ފަރާތަށް ފޯމް ހުށަހަޅާތާ ދެ ދުވަހުގެ ތެރޭ މިނިސްޓްރީން ނިންމާ ނިންމުން އަންގަން ޖެހޭނެ ކަމަށް ބުނެފައިވާއިރު، ހުއްދަ ނުދެވޭނެ ފަދަ އުޅަނދުފަހަރާއި ހާލަތްތަކާއި، ހުއްދަ ދޫކޮށްފައިވާ ތާރީހު ބަދަލުކުރުމަށް އަމަލުކުރަން ޖެހޭނެ ގޮތްތައް ވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ތާރީހް ބަދަލުކުރަން ބޭނުން ނަމަ އެކަން ލިޔުމުން ހުށަހަޅަން ޖެހޭނެ ކަމަށާއި، ހުއްދައިގެ ތާރީހް ފަސްކޮށްދެވޭނީ 24 ގަޑިއިރަށް ވާއިރު، އެއަށް ވުރެ އިތުރުވާ ނަމަ، ހުއްދައަށް އެދި އާ ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ވެއެވެ.

އެ ގަވައިދުގެ ދަށުން ހުއްދަ ލިބޭ ބޭރުގެ އުޅަނދުފަހަރު ވަކި ޝަރުތުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ. އެ ޝަރުތުތަކަކީ:

  • މަސްވެރިކަން ކުރާ އާލަތްތައް ފަލްކާއެއްގައި ރައްކާކުރުން، ފަލްކާއެއްގައި ނުބެހެއްޓޭ ނަމަ ފޮށީގައި، ނުވަތަ ދާގީނާއެއްގައި ބަންދުކޮށްފައި ބެހެއްޓުން
  • ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ވަގުތުން ފެށިގެން ނުކުތުމާ ހަމައަށް ޓްރެކިން ޑިވައިސް ހަރުކޮށް، ޖައްސާފައި ބެހެއްޓުން
  • ދޫކޮށްފައިވާ ހުއްދައިގައިވާ ގޮތަށް ވީއެޗްއެފް ސެޓް އޮންކޮށްފައި ބެހެއްޓުން
  • ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށްފަހު، އުޅަނދުފަހަރުގެ ސްޕީޑް އެއް މިނެއްގައި ހިފެހެއްޓުން
  • ރާއްޖޭގެ އެއްވެސް ގަވައިދަކާ ހިލާފުވާނެ ފަދަ އަމަލެއް ނުކުރުން، އަދި އެފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުން، އަދި މަސްވެރިކަމާ ގުޅުންހުރި އެއްވެސް ހަރަކާތެއް ނުހިންގުން

ނަމަވެސް ގަވައިދާ ހިލާފުވާ އުޅަނދުފަހަރާ މެދު ވަކި ހަމަތަކުގެ މަތިން އަމަލުކުރަމުން ދާނެ ކަމަށާއި އެ ހަމަތައް ވެސް އެ ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އެ ގަވައިދާ ހިލާފުވާ އުޅަނދުފަހަރު ހުއްޓުވުމުގެ ބާރު ފުލުހުންނާއި ސިފައިންނަށް ލިބިގެންވެއެވެ.

އޭގެ އިތުރުން، އެފަދަ އުޅަނދުފަހަރުގައިވާ ތަކެތި ނައްތާލުން، ނުވަތަ ވިއްކައިލުމާ ބެހޭ ގޮތްތަކާއި، ޖޫރިމަނާ ނުދައްކާ އުޅަނދުފަހަރާ މެދު އަމަލުކުރާނެ ގޮތްތައް ވެސް އެ ގަވައިދުގައިވެއެވެ.

އެ ގަވައިދުގައި، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތައް ބޭނުން، ނުވަތަ ހިފުން، ނުވަތަ ނެގުން ވަނީ މަނާކޮށްފައެވެ.

އަދި އެ ގަވައިދުގައި ވަނީ ގަވައިދާ ހިލާފު ކަންކަމާއި އެފަދަ ކަމެއް ކޮށްފި ނަމަ ޖޫރިމަނާކުރާނެ އަދަދުތައް ވެސް ހިމަނައިފައެވެ. އެ ކަންތައްތަކާއި ޖޫރިމަނާ ކުރާނެ އަދަދުތައް ތިރީގައި މި ވަނީއެވެ.

  • މިނިސްޓްރީގެ ފަރާތުން ހުއްދަ ނުހޯދައި ރާއްޖޭގެ ކަނޑަށް ވަނުން ނުވަތަ ވަންނަން މަސައްކަތް ކުރުން: އެއްލައްކަ ރުފިޔާ
  • ރާއްޖޭގެ ކަނޑަށް ވަނުމަށް ދޫކުރާ ހުއްދައިގެ ޝަރުތަކާ ހިލާފުވުން، އަދި ހުއްދަ އަށް އެދި ހުށަހަޅާއިރު ދޮގު މައުލޫމާތު ދިނުން: އެއްލައްކަ ރުފިޔާ
  • ރާއްޖޭގެ ކަނޑުގައި މަސް ބާނަން މަސައްކަތްކުރުން ނުވަތަ މަސްވެރިކަން ކުރުން، ނުވަތަ އެފަދަ ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވުން: ދެ މިލިއަން ރުފިޔާ އާއި 40 މިލިއަން ރުފިޔާ އާ ދެމެދު
  • ލައިސަންސެއް ނެތި ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރުން ނުވަތަ އެފަދަ ހަރަކާތެއް ހިންގުން:
    • 100 ގްރޮސްޓަނަށް ވުރެ ކުޑަ އުޅަނދުފަހަރު: ބައި މިލިއަން ރުފިޔާ
    • 100 ގްރޮސްޓަނާއި 500 ގްރޮސްޓަނާ ދެމެދުގެ: ދެ މިލިއަން ރުފިޔާ
    • 500 ގްރޮސްޓަނަށް ވުރެ ބޮޑު: އަށް މިލިއަން ރުފިޔާ
  • މިނިސްޓްރީގެ ހުއްދައަކާ ނުލާ ރާއްޖޭގެ ކަނޑުގައި މަސް ބަދަލުކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުން، ނުވަތަ މަސައްކަތްކުރުން، ނުވަތަ ބައިވެރިވުން
    • 100 ގްރޮސްޓަނަށް ވުރެ ކުޑަ އުޅަނދުފަހަރު: ހަ ލައްކަ ރުފިޔާ
    • 100 ގްރޮސްޓަނާއި 500 ގްރޮސްޓަނާ ދެމެދުގެ: ހަތަރު މިލިއަން ރުފިޔާ
    • 500 ގްރޮސްޓަނަށް ވުރެ މަތި: 10 މިލިއަން ރުފިޔާ
  • ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބާވަތްތައް ހިފުން، ބޭނުން، އަދި މެރުން: އުޅަނދުގެ ކެޕޭސިޓީ، ބާނާފައިވާ މަހުގެ އަގަށް، ބަރުދަނަށް އަދި އަދަދަށް ރިއާޔަތްކުރުމަށް ފަހު އެ އުޅަނދެއްގެ އޮޕަރޭޓަރާއި، މާސްޓަރާއި، ވެރިފަރާތް ވަކިވަކިން އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުން
  • ކަމާބެހޭ ފަރާތްތަކުގެ މަސައްކަތަށް ހުރަސްއެޅުން: އެއްލައްކަ ރުފިޔާ
  • ރާއްޖޭގެ ކަނޑަށް އޮއިވާއްޔާއި ކަނދުފަތި ފަދަ މަސް ތިލަކުރުމަށް ބޭނުންކުރާ އާލާތް ދޫކުރުން: އެއްލައްކަ ރުފިޔާ

މި ގަވައިދު މިއަދު ތަސްދީގުކޮށްފައިވާއިރު، މިއަދުން ފެށިގެން މި ގަވައިދަށް އަމަލުކުރަން ވަނީ ފަށައިފައެވެ

ބޭރުގެ އުޅަނދުފަހަރުން ދިވެހި ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ބޭނުންވާނެއެވެ.

ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގެންފި ނަމަ، ޖޫރިމަނާ ދައްކަން ޖެހޭނެއެވެ. އެ ނުދައްކައިފި ނަމަ ދައުލަތަށް އެ ބޯޓު ނެގުމުގެ ބާރު ލިބިފައިވެއެވެ.