ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ތިން މީހަކު 10 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި ޖަލަށް ލާން ހުކުމްކޮށްފައި ވަނީ ޏ.ފުވައްމުލަކަށް ނިސްބަތްވާ ތިން މީހުން ކަމަށްވާ ފުނާޑު، ގިފްޓް، އަހްމަދު އާސިމް، އާއި މިސްކިތްމަގު، ލީނާ، އަބްދުﷲ ފަރުހާދު އަދި ފުނާޑު، ނިކަ، މުހައްމަދު ހުސައިންގެ މައްޗަށެވެ.

މި ތިން މީހުންގެ މައްޗަށް ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ކްރިމިނަލް ކޯޓުން ވަނީ މި ތިން މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ތިން މީހުންކުރެ ކޮންމެ މީހަކު 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. އެހުކުމުގައި ވާގޮތުން މި ތިން މީހުންކުރެ ކޮންމެ މީހަކު، މިހާރު ތަންފީޒުކުރަންޖެހޭ މުއްދަތަކީ، 9 އަހަރާއި 10 މަހާއި 15 ދުވަހެވެ.

ކުޑަކުދިން ހިމެނޭ މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން އެކުއްޖާ އައިޑެންޓިޓީ ދެނެގަނެވޭނެ ފަދަ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އަނިޔާއެއް ދިނުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެވެ.