ތިން ދުވަސް ވާންދެން، ފަލަސްތީނުގެ އެކި މަގާމުތަކަށް ބޮން އަޅާ ހަމަލާ ދީ އެތައް ބަޔަކު ޝަހީދު ކުރުމަށް ފަހު، ޔަހޫދީ އިޒްރޭލުން ސުލްހައަށް އެއްބަސްވެއްޖެއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ، އިސްލާމިކް ޖިހާދު ޖަމާއަތުގެ އިސް ކޮމާންޑަރަކު އިޒްރޭލުން ހައްޔަރު ކުރުމާއެކު، އެ ޖަމާއަތުން އިޒްރޭލަށް ދޭން ފެށި ރޮކެޓް ހަމަލާތަކުގެ ޖަވާބުގައި ބޮން އަޅާ ދިން ހަމަލާތަކުގައި 44 މީހަކު ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި 15 ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން 350 އެތައް މީހަކު ޒަހަމްވެފައި ވާއިރު، ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ޖިހާދު ޖަމާއަތަށް ނިސްބަތް ނުވާ އާންމު ރައްޔިތުންނެވެ.

ސުލްހައަށް އެއްބަސްވުމުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް ދެފަރާތުންވެސް ހަމަލާތައް ބަދަލު ކުރަމުން ދިޔަ އިރު، ޖިހާދު ޖަމާއަތުން ވަނީ އިޒްރޭލަށް އަމާޒު ކޮށް 600 އަށް ވުރެ ގިނަ ރޮކެޓް ހަމަލާ ފޮނުވާލާފައެވެ. މީގެ ތެރެއިން 90 ޕަސެންޓް ހަމަލާ، މިސައިލް އައްޑަނަ ބޭނުންކޮށްގެން އިޒްރޭލުން ވަނީ ޖައްވުތެރޭގައި ގޮއްވާލާފައެވެ.

އިޒްރޭލުގެ އޮފިޝަލުން ބުނާގޮތުން، ޖިހާދު ޖަމާއަތުގެ ހަމަލާތައް އަމާޒުވި ސަހަރައްދު ތަކުން އެ ގައުމުގެ އެއްވެސް ރައްޔިތަކު މަރުވެފައި ނުވިނަމަވެސް 31 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ.

މިއީ ހުސްވި އަހަރު އިޒްރޭލާއި ޖިހާދު ޖަމާއަތާ ދެމެދު ކުރި 11 ދުވަހުގެ ހަނގުރާއަށް ފަހު އެންމެ ގެއްލުން ބޮޑު ހަމަލާތައް ކަމަށް ހަބަރުތައް ބުނެއެވެ. ހުސްވި އަހަރުގެ ހަނގުރާމައިގައި ޕަލަސްތީނުން 250 މީހަކު ޝަހީދު ވި އިރު އިޒްރޭލުގެ 13 މީހަކު ވަނީ މަރުވެފައެވެ.

އިޒްރޭލާއި ޖިހާދު ޖަމާއަތުން ސުލްހައަށް އެއްބަސްވުމުގެ މެދުވެރިއެއްގެ ބައި އަދާކުރި އިސް ގައުމަކީ މިސްރެވެ. މި މަޝްވަރާތަކުގައި ގަތަރުންވެސް ބައިވެރިވެފައި ވާއިރު، މިސްރުން ވަނީ އިޒްރޭލުން ހައްޔަރު ކުރި ޖިހާދު ޖަމާއަތުގެ އިސް ދެ ލީޑަރަކު ދޫކޮށްލުމަށް މަސައްކަތް ކުރާނެ ކަމުގެ ގެރެންޓީ ދީފައެވެ. މިކަމުގައި އިޒްރޭލުން އަދި ރަސްމީ އެއްޗެސް ބުނެފައި ނުވާ އިރު، ޖިހާދު ޖަމާއަތަށް ނިސްބަތްވާ 19 މީހަކު މިހާރުވެސް އިޒްރޭލުން ހައްޔާރު ކޮށްފައި ވެއެވެ.

ޖިހާދު ޖަމާއަތާއި އިޒްރޭލުން ސުލްހައަށް އެއްބަސް ވުމުން އދ އިން ވަނީ މަރުހަބާ ކިޔާފައެވެ. އދ ގެ ހާއްސަ މަންދޫބު ވިދާޅުވެފައި ވަނީ، ހަމަނުޖެހުންތައް ހުއްޓުވުމަކަށް ގެނައުމަށް ކުރެވުން ހުރި ހުރިހާ މަސައްކަތްތަކެއް ކުރެއްވުމާއެކު އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިޒްރޭލުން ހަމަލާތައް ހުއްޓާލައި ސުލްހައަށް އެއްބަސްވި ނަމަވެސް، ޕަލަސްތީނުގެ އާންމުން ބުނަމުން ދަނީ. 15 އަހަރު ވީ ދިގުލީ އުދުވާނާ ހެދި ދިރިއުޅުން ތަކުލީފަކަށް ވެފައި ކަމަށާއި، އާންމު ދިރިއުޅުމަށް ރުޖޫއަވެވެން ނެތް ކަމަށެވެ.

ވަށައިގެން ރަށު ބަންދެއްގައި ތިބި ގައްޒާގެ 2.3 މިލިއަން ރައްޔިތުން ތިބީ ކާބޯތަކެއްޗާއި، ބޭސް ފަރުވާއާއި، ކަރަންޓާއި އެނޫންވެސް އަސާސީ އެތައް ހިދުމަތްތަކަކުން މަހުރޫމްވެފައެވެ. ރެ ގާއިމު ކުރި ސުލްހައާ އެކު، އޮފީސްތަކައި ސްކޫލް މަދަރުސާތައް އާންމުކޮށް ހުޅުވާލާނެ ކަމަށް ޕަލަސްތީނުގެ ރަސްމީ ފަރާތްތަކުން ވަނީ ބުނެފައެވެ.