ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާ އެކު އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަދި އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކިއުޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު (ރާއްޕެ) އެއްޖިންސުން ގުޅުންހިންގާ ކަމަށް ތުހުމަތު ވާ ވީޑިއޯ ލީކުވެފައި ވާތީ އޭނާ ވަޒީފާއިން ވަކިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މަހުގެ 7 ވަނަ ދުވަހު ރާފިއު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ރާފިއު އަކީ މީގެ ކުރިން އޭނާގެ ރަށުގެ ކަތީބުކަންވެސް ކޮށްފައިވާ މީހެކެވެ. އަދި އެމްޑީޕީ ޖަލްސާތައް ފެށުމުގެ ގޮތުން ޤުރުއާން ކިޔަވާ ރާފިއު އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކިއުޓިވްގެ މަގާމަށް އައްޔަން ކުރުމުން މަސައްކަތް ކުރަމުން އަންނަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގައެވެ.
އެ ވީޑިއޯ ލީކުވެފައި ވަނީ ރާފިއު އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގާފައި ވާ ކަމަށް ބުނެ ސޯސަލް މީޑިއާގައި ވާހަކަތައް ދައުރުވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.
އަލަމްގިރިއާއެކު ގިނަބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ސޯސަލް މީޑިއާގައި ދައުރުވެފައި ވާއިރު އެ މައްސަލާގައި އިތުރުބާރު ހިފޭ މަގާމުތަކުގައި ތިބި މީހުންވެސް ހިމެނެއެވެ. އެގޮތުން ކަސްޓަމްސްގެ ދެ އޮފިސަރަކާއި ޓީޗަރުންތަކަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފެއް ވެސް ހިމެނެއެވެ.
އެހެންނަމަވެސް މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައި ވަނީ 4 މީހެކެވެ. އެއީ ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި ސާޖަންޓް އަބްދުއް ރަހްމާން ރަފީއު އާއި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމެވެ.
މީގެ ތެރެއިން ނަސީރު ފިޔަވައި ބާކީ ތިން މީހުން ހައްޔަރުކޮށްފައި ވަނީ އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައެވެ. އަދި އަލަމްގިރި ހައްޔަރުކޮށްފައި ވަނީ ވީޑިއޯ ނަގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ނަސީރު ހައްޔަރުކުރި އިރު އޭނާ ގުޅުން ހިންގާތަން ފެންނަ ވީޑިއޯގައި ހިމެނޭ ދެވަނަ މީހާ ހައްޔަރެއް ނުކުރެއެވެ.