ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި އެމްޑަބްލިއުއެސް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި، މިފަހުމުނާމާގައި ސޮއިކުރެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި އެމްއައިޓީގެ ފަރާތުން ޑިރެކްޓާ އޮފް ޕްރޮގުރާމް އާދަމް ހަލީލްއެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިފަހުމުނާމާގެ ދަށުން، އެމްޑަބްލިއުއެސްސީގެ މުވައްޒަފުށް އެކި ދާއިރާތަކުން ބިނާކުރުމުގައި އެހީތެރިކަން ފޯރުންދިނުމުގެ ގޮތުން، މުވައްޒަފުން ބިނާކުރަން ބޭނުންވާ ތަފާތު ފަންގެ ކުރު ކޯސްތައް އެމްއައިޓީން ހިންގައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި، އެމްޑަބްލިއުއެސްސީން ބޭނުންވާ ދާއިރާތަކުން ޕްރޮގުރާމްތައް ހިންގުމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގަބޫލްކުރާ ފެންވަރަށް ސިލަބަސް އަދި ކޯސް ޑޮކިއުމެންޓްތައް ތައްޔާރުކުރުމަށް އެމްއައިޓީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ ވަނީ ބުނެފައެވެ.
އެމްޑަބްލިއުއެސްސީން ބުނީ، މި ފަހުމުނާމާގެ ދަށުން، އެމްއައިޓީން ތައްޔާރުކުރާ ޓެކްނިކަލް ޕްރްގްރާމްތަކަށް ބޭނުންވާ ފަންނީ ލަފާ އާއި އެހީތެރިކަން އެމްޑަބްލިއުއެސްސީން ފޯރުކޮށްދިނުމާއި، އެމްއައިޓީގައި ކިޔަވާ ދަރިވަރުން އެމްޑަބްލިއުއެސްސީ މެދުވެރިކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި އެމްއައިޓީން ކުރިއަށް ގެންދިޔަ ޝޯޓު ކޯސް އޮން ވެލްޑިން ޓެކްނިކްސް އަދި ސެޓްޕކޭޓް 3 (ތިނެއް) އިން ލޭންޑް ސާވޭއިން ކޯސް ފުރިހަމަކޮށްފައިވާ އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ސެޓްފިކޭޓް ހަވާލުކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މިފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއައިޓީ ގެ ޑިރެކްޓާ އޮފް ޕްރޮގުރާމް އާދަމް ހަލީމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ.
އެމްޑަބްލިއުއެސްސީ ބުނީ އެކުންފުނީގެ އުންމީދަކީ މިފަހުމުނާމާގެ ސަބަބުން، ތަފާތު އެކި އެކި ފަންނީ ދާއިރާތަކުން ހާއްސަގޮތެއްގައި ފެނާއި ނަރުދަމާ އާއި ގުޅުން ހުރި ދާއިރާތަކުން ފަންނީ ތަމްރީން ލިބިފައިވާ މީހުން ބިނާވެގެން ދިއުމަށް މަގުފަހިވެގެންދިއުން ކަމަށެވެ. އަދި ދެމެހެއްޓެނެވި ގޮތެއްގައި ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ އިންސާނި ވަސީލަތްތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަކީ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.