ޗައިނާގެ ޖާސޫސީ މަނަވަރު ޔުއާން ވެންގް 5، ލަންކާއަށް ކުރަން އޮތް ދަތުރު، އިންޑިއާ ނުރުހިގެން ލަންކާ ސަރުކާރުން ކެންސަލް ކޮށްފިއެވެ.

ދަތުރު ހުއްޓުވި އިރު، ބޯޓު އޮތީ، ޗައިނާގެ ބަނދަެއްކަމުގައިވާ ޖިއާންގްޔިން އިން ފުރާފައެވެ. ބޯޓު ބަނދަރު ކުރުމަށް ހަމަޖެހިފައި އޮތީ ލަންކާގައި ޗައިނާއިން ހިންގާ ހަންބަންޓޯޓާ ބަނަދަރުގައެވެ.

ލަންކާގެ މަސްދަރުތަކުން ބުނާ ގޮތުން، ދަތުރު ކެންސަލް ކުރީ، އިންޑިއާގެ ގަބޫލު ކުރާ ސަރަހައްދުގެ ސަލަމާނަތާއި އިގްތިސޯދީ މަސްލަހަތަށް ބުރޫއަރާތީ އިންޑިއާއިން އެ ދަތުރު ހުއްޓުވަން އެދުމުންނެވެ.

ލަންކާގެ ފޮރިން މިނިސްޓްރިން އެގައުމުގައި ހުންނަ ޗައިނާ އެމްބަސީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، އިތުރަށް މަޝްވަރާ ކުރުމަށްޓަކައި މުއްދަތެއް ނެތް ގޮތަށް އެ ދަތުރު ފަސްކުރުމަށް އެދޭ ކަމަށެވެ.

މި މައްސަލައިގައި ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންގްހަ ވަނީ ސިޔާސީ ލީޑަރުންނާ ބައްދަލު ކުރައްވާ، އެ ދަތުރު ކުރިއަށް ނުދާނެ ކަމަށް ވިދާޅުވެފައެވެ.

ޗައިނާގެ ޖާސޫސީ މަނަވަރު ހުއްޓުވީ، އެ ދަތުރުގައި، ލަންކާ އަދި އިންޑިއާ ހިމެނޭ ގޮތުން، މިސަރަހައްދުގެ ސެޓެލައިޓްތަކާއި ޖައްވީ މައުލޫމާތުތައް އެ މަނަވަރުން ނަގާނެ ކަމުގެ ތުހުމަތުތައް އޮތީމައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

މި މައްސަލައިގައި މީގެ ކުރިން ލަންކާއިން ބުނެފައި އޮތީ، އެ މަނަވަރަކީ، ލަންކާއަށް ބޭނުންވާ ޒަރޫޒީ ބައެއްތަކެއްޗާއި ތެޔޮ ހިފައިގެން ދަތުރު ކުރާ މަނަވަރެއް ކަމަށާއި އެ މަނަވަރުން ލަންކާގެ އިހުތިސޯސްގެ ތެރޭގައި އެހެން އެއްވެސް އޮޕަރޭޝަނެއް ނުހިންގާނެ ކަމަށެވެ.

އިންޑިއާއަކީ، ގިނަ ކަންކަމުގައި ޗައިނާ އާ ވާދަވެރި ގައުމަކަށް ވާއިރު އިންޑިއާ ކަނޑުގެ ބާރުވެރިކަން ދަމަހައްޓަމުން އަންނަ އަބާދީގެ ގޮތުންނާއި، އަސްކަރީ ގޮތުން ބާރުގަދަ ގައުމެކެވެ. އަދި ސަރަހައްދުގެ މަސްލަހަތަކީ އިންޑިއާގެ މަސްލަހަތުކަމަށް އަބަދުވެސް ގަބޫލުކުރާ ގައުމެއްވެސް މެއެވެ.