ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ފުލުހުންގެ އޮފިސަރު ވިދާޅުވީ، މިހާރު ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށާއި، ޕޯސްޓްމޯޓަމްގެ ނަތީޖާ ނުލިބެނީސް މި ހާދިސާއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި 22 އަހަރުގެ އަލީ ޝާހިލް ޝަރީއަތް ނިމެންދެން ވަނީ ބަންދުކުރަން އަމުރު ކޮށްފައެވެ. މީގެ ކުރިން ޝާހިލް އަކީ އެއްވެސް ކުށުގެ ރެކޯޑެއް އޮތް ފަރާތެއް ނޫން ކަމަށް ފުލުހުން ބުނެއެވެ. އަދި މީގެ ކުރިން މަރުހޫމް ޝިއާއު އަށް ގެވެށި އަނިޔާ ކޮށްގެން އެފަދަ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ބައެއް ނޫސްތަކުގައި މި މައްސަލައާ ގުޅިގެން ހާމަކޮށްފައިވާ ބައެއް މައުލޫމާތުތައް ރަނގަޅު ނޫން ކަމަށާއި ޝިއާއު އާއި ޝާހިލް އަކީ ދެމަފިރިން ނޫން ކަމަށެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ އިރު ބައެއް މައުލޫމާތުތައް ދިނުމަށް އުޒުރުވެރިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާގައި ޝިއާއުއަށް ދީފައިވާ އަނިޔާތަކާއި އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތައް ހިއްސާ ނުކުރުމަށް ޝިއާއުގެ އާއިލާއިން ވަނީ އެދިފައި ކަަމަށާއި އެހެންކަމުން އެ މައުލޫމާތު މިއަދުގެ ޕްރެސްގައި ހާމަ ނުކުރާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ހައްޔަރު ކުރި ޝާހިލް ހައްޔަރު ކުރި އިރު އޭނާ ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުނެއެވެ.