މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއްގައު ދައުވާ އުފުލާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާ ދެކޮޅަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އޭނާގެ ބޭންކް ސްޓޭޓްމަންޓް ފުލުހުން ހޯދާފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޕެސްޓާއި އިތުރު ބަޔަކު ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ހަވާލާދީ ކަމަށް ވިޔަސް އެ ގާނޫނުގައި އެ ގޮތަށް ބޭންކް ސްޓޭޓްމަންޓް ދިނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ކްރިމިނަލް ކޯޓުން ބުނީ ބޭންކް ސްޓޭޓްމަންޓް ހޯދީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ފުލުހުން ސިޓީއަކުން އެދިގެން ކަމަށް ބުނި ނަމަވެސް އެ ސިޓީގައި އެގޮތަށް ބުނެފާ ނެތް ކަމަށެވެ. އަދި އާންމު ބޭންކް ސްޓޭޓްމަންޓްތައް ބޭންކްތަކުން ދޫކުރަނީ ބޭންކް ސިޓީއަކާ އެކު ކަމަށާއި އެކަމަކު އެ މައްސަލައިގައި އެފަދަ ސިޓީއެއް ވެސް އޮތްކަން އެނގެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ކޯޓުން އިތުރަށް ބުނީ ބޭންކިން ގާނޫނުގެ ދަށުން ބައެއް މައުލޫމާތުތައް ދޭން އެންގުމުގެ ބާރު ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލަށް އޮތް ނަމަވެސް އޭގެ ތެރޭގައި ބޭންކް ސްޓޭޓްމަންޓްތަކާއި އެކައުންޓްތަކުން ކޮށްފައިވާ މުއާމަލާތުތައް ނުބެލޭނެ ކަމަށެވެ. އެކަން އެހެން ހުރުމާއެކު އެއީ ހެކެއް ކަމަށް ނުބަލަން ކޯޓުން ވަނީ ނިންމާފައެވެ.