ޔޯގާގެ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިޚް އާދަމް ނިޝާން ބަންދުން ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުން ޝައިޚް ނިޝާން ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކުގައެވެ. އެގޮތުން މާލެ އިން ބޭރަށް ދިއުން މަނާ ކުރުމާއި އޭގެ އިތުރުން ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގުމަށާއި ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައިފިނަމަ ހާޒިރުވުމަށް ވެސް ކޯޓުން ވަނީ ޝަރުތުކޮށްފައެވެ.
ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް ނިޝާންގެ އިތުރުން ޝައިޚް ފަޒްލޫން ބިން މުހައްމަދު ވެސް ހައްޔަރުކުރިއެވެ. ނަމަވެސް ފަޒްލޫން ވެސް ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.
ޝައިޚް ފަޒްލޫނާއި ޝައިޚް ނިޝާނަށް ދޫކޮށްފައި އޮތް ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ އަނބުރާ ގެންގޮސްފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ދީފައިވާ ހުއްދަ އަތުލާފައިވަނީ ވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށެވެ.
ޖޫން 21 ވަނަ ދުވަހު ބޭއްވި ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގި ކަމަށް ބުނެ ޝައިޚް ނިޝާން ހައްޔަރުކޮށްފައިވަނީ 7 އަހަރުގެ ދަރިފުޅު ގޮވައިގެން ނަމާދަށް ދިޔަމަގުމަތީގައެވެ.