އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި އިމާރާތްކުރި ފުލުހުންގެ އެކެޑަމީގައި، ފުލުހުންގެ ހިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ތަމްރީނުތައް ދޭން މިއަދު ފަށައިފިއެވެ.

އައްޑޫ ފުލުހުންގެ އެކެޑަމީ ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ މިދިޔަ މާޗް މަހުގެ 27 ގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރެވެ.

އޭގެ ހަފްތާއެއް ފަހުން އެ އެކެޑަމީގައި ކިޔަވައިދޭން ފެށި ނަމަވެސް، އެ ތަނުގައި ފުލުހުންނަށް ތަމްރީނުތައް ދޭން ފެށީ މިއަދެވެ.

ފުލުހުންގެ އެކެޑަމީގައި ފުލުހުންގެ ހިދުމަތާ އަލަށް ގުޅޭ ރެކްރޫޓުންނަށް އެ ތަނުގައި ތަމްރީނުތައް ދޭން ފެށުމާ ގުޅޭ ގޮތުން ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، އެ ތަމްރީނުތައް ފަށާގައި ވަނީ ފުލުހުންގެ ބުރަ މަސައްކަތްތަކަށް ތައްޔާރު ކުރުމަށް މުގައްރަރު މުރާޖައާކުރުމަށް ފަހުގައި ކަމަށެވެ.

ހަމީދު ވިދާޅުވި ގޮތުގައި، ފުލުހުންގެ 34 ވަނަ އިނީޝިއަލް ޓްރޭނިން ކޯހުގައި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 197 ފުލުހަކު ބައިވެރިވެއެވެ.

މިދިޔަ މާޗް މަހު އައްޑޫގައި ހުޅުވި ފުލުހުންގެ އެކެޑަމީގައި ހުންނާނެ ވަސީލަތްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމޮޑޭޝަން ބްލޮކްތަކާއި، މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި، ޕީޓީ ގްރައުންޑާއި، ހެލިޕެޑާއި، ޓްރެއިނިން ސެންޓަރާއި، 800 މީހުންގެ ޖާގައިގެ ޖިމަކާއި، ފުޓްބޯޅަ ދަނޑަކާއި، ބާސްކެޓް ކޯޓަކާއި، ޓެނިސް ކޯޓާއި، 400 މީޓަރުގެ ޓްރެކާއި، 340 މީހުންގެ އޮޑިޓޯރިއަމަކާއި، 40 ފުލުހުންގެ ޖާގައިގެ އަށް ކްލާސްރޫމް ހިމެނެއެވެ.