އެންމެ ގިނަ އަދަދަކަށް ދުނިޔޭގެ ޖައްވަށް ވިހަ ގޭސް ނުވަތަ ވިހަ ދުން ދޫކުރާ ދެ ގައުމުގެ ދެމެދުގައި އޮތް، ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމާ ބެހޭ އެއްބަސްވުން ޗައިނާއިން އަނބުރާ ގެންގޮސްފިއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރާ ގުޅިގެން ރުޅިއައިސްފައި ވާ ޗައިނާއިން އެއްބަސްވުން އެނބުރާ ގެންދިޔަ އިރު ޗައިނާ އަކީ، އަަހަރެއްގެ މައްޗަށް 11،535 މެގަޓަންގެ ވިހަ ދުން (ސީއޯ2) ބޭރުކުރާ ގައުމެކެވެ. އެމެރިކާއިން އަހަރެއްގެ މައްޗަށް 5،107 މެގަޓަންގެ ވިހަ ދުން ބޭރުކުރެއެވެ. ދެން އެ ލިސްޓުގައި އޮތް އީޔޫ އިން 3،304 މެގަޓަން، އިންޑިއާއިން 2،597 މެގަޓަން އަދި ރަޝިއާއިން 1،792 މެގަޓަންގެ ވިހަ ދުން ބޭރުކުރެއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދަތުރާ ގުޅިގެން ޗައިނާއިން އިތުރު ފިޔަވަޅުތައްވެސް އަޅާފައި ވެއެވެ. އޭގެ ތެރޭގައި އަސްކަރީ ދާއިރާގެ ކަންކަމުގައި އިސް އޮފިޝަލުންގެ މެދުގައި ކުރިއަށް ގެންދާ ވާހަކަތައް މަޑުޖައްސާލުމާއި ދެގައުމުގެ މަސްލަހަތާ ގުޅިފައި އޮތް ކަނޑުގެ ސަރަހައްދު ތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން ދެގައުމުން ހިއްސާކުރަމުންދާ ވާހަކަތައް ހުއްޓާލުންވެސް ހިމެނެއެވެ.
ޗައިނާއިން ދެކޮޅު ހަދާ އިންޒާރު ދީފައި ވަނިކޮށްވެސް ޕެލޯސީ ޓައިވާނަށް ވަނީ ވަޑައިގެންފައެވެ. ޕެލޯސީ ދެކުނު ކޮރެއާ، ސިންގަޕޫރު، މެލޭޝިއާ އަދި ޖަޕާނަށް ކުރައްވާ ދަތުރުގައި ޓައިވާނަށް ވަޑައިގަތުމާ ދެކޮޅަށް ޗައިނާއިން އިންޒާރު ދިނުމުގެ އިތުރުން، ޓައިވާން ވަށައިގެން ދަނީ ވަރުގަދަ އަސްކަރީ ހަރަކާތެއްވެސް ހިންގަމުންނެވެ.
ޓައިވާނަކީ ޗައިނާއާ އިންވެގެން ކަނޑުގައި ވަކިން އޮންނަ ގައުމެއް ނަމަވެސް، އެ ގައުމު އޮންނަނީ ޗައިނާ ކަނޑައަޅާފައި އޮންނަ އިހުތިސޯސްގެ ތެރޭގައެވެ. އެހެން ކަމުން، ޓައިވާނަށް މިނިވަން މުސްތަގިއްލު ވެރިކަމެއް ކުރުމަށް ވަނީ ނުކުޅެދިފައެވެ.
ޕެލޯސީގެ ދަތުރާ ގުޅިގެން ޗައިނާގެ އަސްކަރީ ބާރު ދައްކާލުމުގެ ގޮތުން، ޓައިވާނުގެ ވަށައިގެން ކަހަލަ ގޮތަކަށް ބެލަސްޓިކް މިސައިލް ވަނީ އަރުވާފައެވެ. އަދި ޑްރޯން އާއި، މަތިންދާ ބޯޓާއި، ސަބްމެރީންގެ އިތުރުން އަސްކަރީ މަނަވަރުތަކުގައި ޗައިނާ ދަނީ ޓައިވާނަށް ބިރު ދައްކަމުންނެވެ.
ޗައިނާގެ މި އަލުތަކާ ގުޅިގެން ޓައިވާނުން ބުނެފައި ވަނީ، އެންމެ ފަހުވަގުތާ ޖެހެންދެންވެސް ގައުމު ސަލާމަތް ކުރުމަށް ހަނގުރާމަ ކުރާނެ ކަމަށާއި، ގައުމުގައި ތިބި 300،000 އަސްކަރީން އެލާޓްކޮށް ތައްޔާރީ ހާލަތުގައި ތިބި ކަމަށެވެ. އަދި ޗައިނާއިން އުދުއްސާ ޑްރޯންތަކާއި އުދުހޭ ބައެއް މަތިންދާ ބޯޓުތަކަށް އިންޒާރު ދިނުމަށް ބަޑިޖަހަމުން ގެންދާ ކަމަށް ވެސް ބުނެއެވެ. މީގެ އިތުރުން ޗައިނާގެ ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރަށް ޓައިވާނުގައި ވަނީ އާންމުން ބައިވެރިކޮށްގެން ސަލާމަތާއި ރައްކާތެރިކަން ހޯދާނެ ގޮތުގެ ފަރިތަކުރުންތައްވެސް ބާއްވާފައެވެ.