ފަލަސްތީނުން ރޮކެޓް ހަމަލާތަކެއް ދިން ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން ދިން އުދުވަނީ ހަމަލާތަކުގައި ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދުވެއްޖެއެވެ.

ހަބަރުތައް ބުނާގޮތުން، ޝަހީދުވި ކުޑަކުއްޖާގެ އުމުރަކީ އެންމެ 5 އަހަރެވެ. މި ތުއްތު ކުއްޖާގެ އިތުރުން 10 މީހަކު ޝަހީދުވި ހަމަލާ އަމާޒު ކޮށްފައި ވަނީ ޕަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ މަރުކަޒުތަކަށް ކަމަށް ބުނެއެވެ. އަދި ހަމަލާ ދިނީ، އިސްލާމިކް ޖިހާދުން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފައި ވުމުން އޭގެ ރައްދުގައި ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.

ޕަލަސްތީނުގެ އިސްލާމިކް ޖިހާދުގެ ހަމަލާތައް އިޒްރޭލަށް އަމާޒު ކުރީ، ހުސްވި ހަފްތާގެ ކުރީކޮޅު، އިޒްރޭލުން އެ ޖަމާއަތުގެ އިސް މެންބަރަކު ހައްޔަރު ކުރުމާ ގުޅިގެންނެވެ.

ރައްދުގައި އިޒްރޭލުން ދިން މިސައިލް ހަމަލާގައި އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރަކުވެސް ޝަހީދު ކޮށްލެވުނު ކަމަށް އިޒްރޭލު ބުނެއެވެ.

މިހަމަލާގައި 50 އަށް ވުގެ ގިނަ މީހުން ޒަހަމްވި އިރު، އިޒްރޭލުން ލަފާ ކުރަނީ އިސްލާމިކް ޖިހާދަށް ނިސްބަތްވާ 15 މީހަކު ޝަހީދުވެފައި ވާނެ ކަމަށެވެ.

އިޒްރޭލުގެ މި އުދުވާނާ ގުޅިގެން އިސްލާމިކް ޖިހާދުގެ ތަރުޖަމާން ޒިޔާދު އަލް ނަހުލާ ވިދާޅުވެފައި ވަނީ، އިޒްރޭލުގެ އުދުވާނަށް ރަައްދު ދޭނީ ވަރުގަދައަށް ކަމަށާއި، ހަނގުރާމަ ވެސް ހިނގާނެ ކަމަށާއި އަދި އާހިރުގައި ނަސްރުވެސް ހޯދާނެ ކަމަށެވެ.

އިޒްރޭލަކީ، ޕަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެ ގަނެގެން އުޅޭ ޔަހޫދީ ދައުލަތެކެވެ. އެމީހުން އެ ބިމުގައި ގާއިމު ކޮށްދިނީ އިނގިރޭސީންނެވެ. ނަމަވެސް މިހާރު އިޒްރޭލުގެ އެންމެ ގާތް މަދަދުގާރަކީ އެމެރިކާއެވެ.