ގްރޫޕު ހަދައިން އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި އާއެކު އިތުރު ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ އާންމުވެފައި ވާއިރު އޭގެ ތެރެއިން އެކަކީ މާލޭގެ ސްކޫލެއްގެ ޓީޗަރަކަށް ހުރި ދިވެއްސެއް ކަމަށާއި ދެން ފެންނަނީ ހޯމް މިނިސްޓްރީގެ މުވައްޒަފަކު ކަމުގެ ތުހުމަތުތައް އަންނަނީ ކުރަމުންނެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވަނީ ވީޑިއޯއާއި ގުޅޭ މައްސަލައެއްގެ ތުހުމަތުގައި މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ.
އެ ވީޑިއޯގެ މައްސަލައާ ގުޅިގެން ޓީޗަރަކު ވެސް ސަސްޕެންޑް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އެ ޓީޗަރަކީ ގާޒީ ސްކޫލްގައި ކިޔަވައިދެމުން އަންނަ ޓީޗަރެއް ކަމަށް ބުނެ ވާހަކަ ދައްކާފައި ވެއެވެ. އެކަމާ ގުޅިގެން ގާޒީ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއީ އެއްވެސް އިރަކު ގާޒީ ސްކޫލްގައި ކިޔަވައިދިން ޓީޗަރެއް ނޫން ކަމަށެވެ. އަދި ސްކޫލް ބަދުނާމުވާ ގޮތަށް ހަގީގަތާ ހިލާފް ވާހަކަތައް ސޯޝަލް މިޑިއާގައި ފަތުރަމުން ދިޔުމަކީ އެ ސްކޫލުން ކަންބޮޑުވާ ކަމެއް ކަމުގައި ވެސް ވަނީ ބުނެފައެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ސަސްޕެންޑު ކުރީ މި ފަހަކާ ޖެހެންދެން ވެސް އިމާދުއްދީން ސްކޫލްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިން ޓީޗަރެކެވެ. އެހެންނަމަވެސް މިހާރު އޭނާ މަސައްކަތްކުރާ ސްކޫލެއް އަދި ސާފެއް ނުވެއެވެ. އަދި ހޯމް މިނިސްޓްރީއިން ސަސްޕެންޑް ކޮށްފައި ވަނީ އެ މިނިސްޓްރީގެ ކުޑަކުދިންގެ މައްސަލަތަކާ ބެހޭ ޑިޕާޓްމެންޓެއްގައި މަސައްކަތްކުރާ އިސްވެރިއެއް ކަމަށް ބުނެ ވަނަވަރާއެކު އަންނަނީ ސޯސަލް މީޑިއާގައި އޭނާގެ ފޮަޓޯ ދައުރުވަމުންނެވެ.
އެއްޖިއްސުން ގުޅުން ހިންގި ވީޑިއޯތައް ލީކް ވެފައިވާ އިރު، އޭގެ ތެރޭގައި ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްވެސް ހިމެނެއެވެ. އޭގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު އަލަމްގިރް އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ.
މި މައްސަލައިގައި މިހާތަނަށް އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ނާޒިމް ސައްތާރު އާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ކާނަލް ނަޝީދާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމް ވަނީ ހައްޔަރު ކޮށްފައެވެ. ނަސީރު ގުޅުން ހިންގާތަން ފެންނަ ވީޑިއޯގައި ފެންނަނީ އަލަމްގިރިއެއް ނޫނެވެ. އަދި އަލަމްގިރް ހައްޔަރު ކޮށްފައި ވަނީ ވީޑިއޯ ނަގާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައެވެ.