އެމެރިކާއިން މިސައިލް ހަމަލާއެއް ދީ ހުސްވި ހަފްތާގައި މަރާލި އަލްގައިދާގެ ލީޑަރު އައިިމަން އަލް ޒަވާހިރީ ކާބުލްގައި ދިރިއުޅުނުކަން ނޭނގޭ ކަމަށް އަފްގާނިސްތާނުގެ މިހާރުގެ ސަރުކާރުން ބުނެފިއެވެ.
"ދަ އިސްލާމިކް އެމިރޭޓް އޮޮފް އަފްގާނިސްތާން" ނުވަތަ ތޯލިބާންގެ ސަރުކާރުން ބުނީ، ޒަވާހިރީ ކާބުލްގައި ދިރިއުޅުނުކަން އެއްގޮތަކަށްވެސް އެނގިފައި ނުވާ ކަމަށެވެ. އަދި އެކަން ހިނގާ ދިޔަ ގޮތް ބަލައި ފުރިހަމަ ތަހުގީގެއް ހިންގުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައި ވާކަމަށްވެސް ތޯލިބާނުން ނެރުނު ބަޔާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތައް ބުނެއެވެ.
އައިމަން އަލް ޒަވާހިރީ މަރާލާފައި ވަނީ މިދިޔަ ޖުލައި 31 ވަނަ ދުވަހު އޭނާ ދިރިއުޅުނު ގޭގޭ ބެލްކަނީގައި ހުއްޓާ، މިސައިލް ހަމަލާއެއް ދީ އެވެ. އޭނާ މަރާލި އިރު ހުރި ގެއަކީ، އަފްގާނިސްތާނުގެ ކުރީގެ ސަރުކާރުގެ ތަކުގެ އިސް ގިނަ އޮފިޝަލުންތަކެއް ކުރިން ދިރިއުޅުއްވި، އެ ގައުމުގެ ގްރީން ޒޯން ގައި ހުންނަ ގެއެކެވެ. އެ ގެ 2003 ގައި ބަންދުކޮށް، 50 ބަޔަކަށް ބަހާ، އެގައުމުގެ އޭރުގެ ސަރުކާގެ ބައެއް ބޮޑުންނާއި، ވިޔަފާރިވެރިންނާއި ނުފޫޒު ހުރި ބައެއް މީހުންނަށް އޮތީ ދީފައެވެ. އެތަނުން ތަނެއްގައި ޒަވާހިރީ ހުއްޓާ އެ ހަމަލާ ދިން އިރު، އެ ޔުނިޓްތައް މަޝްހޫރުވެފައި އޮންނަނީ "ޕޮޕީ ޕްލޭސަސް" ގެ ގޮތުގައެވެ.
ހަތަރު މިލިއަން މީހުން ދިރިއުޅޭ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އެމެރިކާއިން ހިންގި މި އޮޕްރޭޝަނާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވަނީ، އެ ހަމަލާގައި އާންމުންގެ އެއްވެސް މީހަކު މަރު ނުވާ ކަމަށެވެ.
އަލްގައިދާގެ ލީޑަރު ޒަވާހިރީ އަކީ، އެމެރިކާއިން ތަރުތީބު ކޮށްފައި އޮންނަ ލިސްޓުގައި ހޯދަން އެންމެ ބޭނުންވާ ޓެރަރިސްޓުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެމެރިކާއިން އަފްގާނިސްތާނުގައި ހިންގި ދިގު ހަނގުރާމައިގައި އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިންލާދިން މަރުވުމާ ގުޅިގެން އަލްގައިދާގެ ލީޑާޝިޕާ ދެން ހަވާލުވީ ޒަހާވިރީއެވެ. ޒަވާހިރީގެ ލީޑާޝިޕްގައި އަލްގައިދާއަށް މާ ބޮޑު ބާރުތަކެއް ނުހޯދެނީސް، ތޯލިބާނުންގެ ބާރު ގަދަވެ، އެމެރިކާ ސިފައިން ފަހާ ބާލައި، އަފްގާނިސްތާނުގެ ވެރިކަން ވަނީ އަތުލާފައެވެ.