ރަށްރަށުގެ ތަރައްގީ އާއި ތިމާވެއްޓާ ގުޅުންހުރި ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް ބީއެމްއެލުން ދޭ "ސްމޯލް ގްރާންޓްސް" ފަންޑަށް ހުށަހެޅުމަށް ދެވަނަ ފުރުސަތެއް ދީފިއެވެ.

ބީއެމްއެލުން "ސްމޯލް ގްރާންޓްސް" ފަންޑު އިފްތިތާހުކޮށްފައި ވަނީ މިއަހަރުގެ މާޗު މަހުގެ މެދުތެރޭގައެވެ. އެ ފަންޑު އިފްތިތާހުކުރުމަށް ފަހު ބީއެމްއެލުން ބުނީ، އެ ފަންޑަކީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގާ އެއް ހަރަކާތް ކަމަށެވެ.

ސްމޯލް ގްރާންޓްސް ފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކަށް ބީއެމްއެލުން ފުރަތަމަ ކަނޑައަޅާފައި އޮތީ މިދިޔަ މޭ މަހުގެ 15 އެވެ. ނަމަވެސް އެ ފަންޑަށް އެދި ހުށަހެޅުމަށް މިއަދު އަނެއްކާ ވެސް ހުޅުވާލާފައިވާއިރު، އެ ފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑި ވަނީ އަންނަ މަހުގެ 15 އަށް ބަދަލުކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އެންޖީއޯތަކަށް އެ ފަންޑަށް އެދި ހުށަހެޅޭއިރު، އެ ފަންޑު ހުޅުވާލާފައި ވަނީ ބީއެމްއެލުން ބުނި ގޮތުގައި، ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށެވެ. އެ ފަންޑަށް ހުށަހެޅޭ މަޝްރޫއުތަކުގެ ތެރެއިން އަށް މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއެއް ކުރިޔަށް ގެންދިއުމަށް 250،000 ރުފިޔާ ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޖަނަވަރީގައި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް، ފެބްރުވަރީގައި ހައުސިން ގްރާންޓްގެ އިތުރުން ނޮވެންބަރުގައި ބީއެމްއެލް ސްކޮލާޝިޕް ފަންޑު އަދި ޑިސެންބަރުގައި ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން ހިމެނެއެވެ.